ކޮންމެ އަންހެން މުވައްޒަފަކަަށް ހައިލުވުމާއި ގުޅޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީ ދިނުމަށް ގާނޫނުގައި ހިމަނަން ހުށަހެޅި އިސްލާހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާހެއް ނުވި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ސިރާޖު "ވަން" އަށް ވިދާޅުވީ، އެ ބިލާމެދު ރޭ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރޭގައި ވޯޓަކަށް އެހި ކަމަށާއި ނަމަވެސް އިސްލާހު ހުށަހަޅަން ފާސްނުވި ކަމަށެވެ. އެހެންކަމުން އެ އިސްލާހު އަނބުރާ ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެން މުވައްޒަފުން ހައިލުގެ ދުވަސްވަރު އުފުލާ ތަކުލީފުތައް ގަބޫލުކޮށް ހައިލުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަނެ އަމަލު ކުރަމުން އަންނަ އުސޫލަކަށްވާތީ ހުށަހެޅި އެ އިސްލާހުގައި ބުނެފައިވަނީ ވަޒީފާގެ ގާނޫނުގައި ބުނާ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަަށް ހައިލުވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށެވެ.

މި ޗުއްޓީއަށް އެދޭ މުވައްޒަފު އެ ޗުއްޓީ ހައްގުކަން ސާބިތު ކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.

އެގޮތުން ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް ވަޒީފާއަށް ނުކުންނަ ނަމަ ކޮންމެ މަހަކު ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުންގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު އެމުވައްޒަފަަކަށް ދޭންވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.