މާލެއަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު އިއްޔެ ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓުވި މީހުންގެ އަދަދު 40 އަށްވުރެ މަތީގައި އުޅޭ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ތިނަދޫން އިއްޔެ ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ދެރަހަ" ބޯޓުގެ ފަޅުވެރިއެކެވެ. އެ ކޭސްއާ ގުޅިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު މިއަދު "ވަން" އަށް ވިދާޅުވީ، އެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށާއި ދެރަހަ ބޯޓުގެ ނުވަ ފަޅުވެރިންވެސް އެ ބޯޓުގައި ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ އޭނާ މާލެއިން ރަށަށް އައިސް ކަރަންޓީންވާން ނުޖެހޭތީވެ، ރަށުގެ އެކި ސަރަހައްދުތަކަށް ގޮސްފައިވާ ކަމަށާއި އޭނާ ހުކުރަށް މިސްކިތަށް ވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ބޯޓު އެއަތޮޅު ހަތް ރަށަކަށް ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ރަށަކަށް އޭނާ ފައިބާފައިވާ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހާ ކޮންޓެކްޓުވި މީހުން އަދިވެސް ހޯދަމުން އަންނަ ކަމަށާއި ސީދާ ކޮންޓެކްޓްވެފައިވާ އަދަދު އަދިވެސް ޔަގީންނުވާ ކަމަށެވެ. އަދި ބޯޓުގައި ތިބި ނުވަ މީހެއްގެ ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސީދާ ޑައިރެކްޓް ކޮންޓެކްޓްވީ އަދަދެއް ސާފެއް ނުވޭ. އޭނާ މިސްކިތައްވެސް ގޮސްފައި އެބަހުރި. އެހެންކަމުން އެމީހުންވެސް ސާފު ކުރަމުން މިދަނީ. އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދަނީ،" އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން އަލާމާތް ފެންނަ ފަރާތްތަކުގެ ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ އަލާމާތެއް އެއްވެސް ފަރާތަކުން ފެނިފައިނުވާ ކަމަށެވެ.

ޕޮޒިޓިވްވި މީހާ މިވަގުތު ހުރީ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި އޭނާ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް 19 ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން ރަށުގެ ސުކޫލުތައް ބަންދުކޮށް، އެއްވެ އުޅުން މިހާރު މަނާކުރެވިފައިވާ ކަމަށާއި އޮފީސްތަކަށްވެސް ވީހާވެސް މަދުން މީހުން ނެރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި މާސްކު އަޅައިގެން އުޅުމަށާއި ފިހާރަތަކާއި ކެފޭތަކުގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައިވާނެ ކަަމަށް އަމްޖަދު ވިދާޅުވިއެވެ.