ޚަބަރު

ވަޒީފާގައި ބައިތިއްބަން ޖެހޭ ދިވެހިންގެ ނިސްބަތް 60 ޕަސެންޓަށް ހަދަން ހުށަހަޅައިފި

ވަޒީފާގައި ބައިތިއްބަން ޖެހޭ ދިވެހިންގެ ނިސްބަތް 60 ޕަސެންޓަށް ހެދުމަށް ގާނޫނުގައި ހިމަނަން ހުށަހަޅައިފިއެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ގޮތުގައި މި އިސްލާހު ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.

އަލީ ހުސެއިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ ރިސޯޓްތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ 60 ޕަސެންޓް މީހުންނަކީ ދިވެހިން ކަމުގައި ވާންވާނެ ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެންމެ ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި އެއަށް އަމަލުކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

ދެހާސް ބާރަވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާ އޮތް ގޮތުން ކޮންމެ ރިސޯޓަކުން ވެސް ވަޒީފާގައި ދިވެހިންގެ 45 ޕަސަންޓު މުވައްޒަފުން ހިމެނުމަކީ މަޖުބޫރު ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ޕަސަންޓަކީ 55 އެވެ.

ނަމަވެސް އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަސް އަންނަންވާ އިރަށް، ރިސޯޓްތަކުގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް 51 ޕަސެންޓަށް ހެދުމަށް ސާކިއުލާ އިސްލާހު ކުރާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 59 ވަނަ މާއްދާއަށް ވެސް އަލީ ހުސެއިން ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެންމެ ކުޑަމިނުން ދޭންވާނެ އުޖޫރަ ކަނޑައަޅާ އަމުރު ބަޔާންކުރާ އެ މާއްދާއަށް އޭނާ ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، އެ ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެ ކަމަށެވެ.

އެ މާއްދާއަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގަޔާއި އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ގޮތް ބަލައި، ދެނެގަތުމަށާއި އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އޮންނަންވާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިހާރު ވެސް ބޯޑެއް އޮވެއެވެ. އެ ބޯޑަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ބެލުމުގެ ދަށުން ހިންގާ ބޯޑެކެވެ. އޭގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެ ކަމަށާއި އަދި ލޭ ލަފާގައި ސިނާއަތްތަކަށް ވަކިވަކިން މިނިމަމް ވޭޖު ކަނޑައެޅުމަށް ބޯޑަށް ފެންނަނަމަ އެކަން ތަފްސީލުކޮށް ބަޔާން ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އަލީ ހުސެއިން އިތުރު އިސްލާހެއް ގެނެސްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ ވަޒީފާގެ (ވ) އަށެވެ. އެ މާއްދާގައި މިހާރު ބުނަނީ ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެ މަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނެ ކަމަށެވެ. ނަމަވެސް އަލީ ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ބުނަނީ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.