ހުޅުމާލެ ޖަލުގެ ހަތް ގައިދީއަކާއި ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ފަސް ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައިވާ ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުރި ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެމީހުންގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން ހުޅުމާލެ ޖަލުގެ 41 ގައިދީއެއްގެ ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރެއިން 19 ގައިދީއަކު ކޮވިޑަށް ނެގެޓިވް ކަމަށާއި 15 ގައިދީއެއްގެ ނަތީޖާ ނުލިބިވާ ކަމަށެވެ. އަދި ބަންދުގައި ތިބި 41 ބިދޭސީންގެ ތެރެއިން 19 މީހަކު ކޮވިޑަށް ނެގެޓިވްވެފައިވާ އިރު، 10 މީހެއްގެ ނަތީޖާ ނުލިބިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މީގެ އިތުރުން އެދުވަހު 10 އޮފިސަރުންނާއި މުއައްޒަފަކުވެސް ސާމްޕަލް ނަގާފައިވާ ކަމަށާއި އެންމެންވެސް ކޮވިޑަށް ނެގެޓިވް ކަމަށް ކަރަކްޝަންސް އިން މައުލޫމާތުދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ހުޅުމާލެ ޖަލުގެ ގައިދީއަކާއި ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ފަސް ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކަރެލްޝަންސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވަދެފައިވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ.