ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުގެ 7،000 ފުލެޓުގެ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް އޭރު ނެރުނު ފުލެޓު ލިސްޓުގައި ހިމެނުނު ނަމަވެސް، އެކަންތައް އަލުން ބަލައި، މި ސަރުކާރުން ނެރުނު ފްލެޓު ލިސްޓުން އުނިކޮށްފައިވާ މީހުންނަށް ފުލެޓު ހޯދައިދިނުމަށް ގާނޫނީ އެހީތެރިކަން ދޭން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
އެކަމާ ބެހޭގޮތުން މައުލޫމާތުދިނުމަށް ޕީޕީއެމް ޕިއެންސީ ކޯލިޝަންގެ ލީގަލް އެފެއާޒް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފުލެޓު ލިބުނު ކަމަށް އިއުލާން ކުރި މީހުންނަށާއި، ފުލެޓު ލިބިފައިވާކަމުގެ ލިޔުން ދިން މީހުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.
އެހެންކަމުން އެ މީހުންނަށް ފުލެޓު ހޯދައިދިނުމަށް ދޭންޖެހޭ ގާނޫނީ ލަފާ ދިނުމާއި، ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންތައް ލީގަލް ޓީމުން ކޮށްދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިތުރު ތަފުސީލު ދެއްވަމުން އެ ނިއުސްކޮންފަރެންސްގައި ބައިވެރިވި ލީގަލް ޓީމުގެ ބޭފުޅުން ވިދާޅުވީ ޕީޕީއެމް އޮފީހުގެ ދެވަނަ ފަންގިފިލާގައި ގާނޫނީ ކަންތައްތަކަށް ހާއްސަ ޑެސްކެއް ބަހައްޓާފައިވާ ކަމަށެވެ. އަދި ފުލެޓުގެ ކަންތަކުގައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައް އެ ޑެެސްކް މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަންކަމުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތަކުން އެމީހެއްގެ ނަން ހިމެނިފައިވާ ފުލެޓު ލިސްޓު، ނުވަތަ ފުލެޓު ލިބުނު ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ލިޔުމާއި އެމީހާގެ އައިޑީކާޑާއި އައިޑީކާޑު ކޮޕީއެއް ހިފައިގެން އެ އޮފީހަށް ދިއުމުން އެހީތެރިކަން ދޭގޮތަށް ކަމަޖެހިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އެ އޮފީހުގައި އެ މަސައްކަތް ކުރިއަށްދާނީ ހަފުތާއެއްގެ މުއްދަތަށް ކަމަށާއި ހަފުތާގެ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް އެކަންތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު