މާލޭގެ ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއަދު މެންދުރު 1:15 އެހާކަންހާއިރު އަލިފާން ރޯވެފައިވަނީ ޖަނަވަރީ މަގާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ހުންނަ ވެސްޓަޔާ ނަމަކަށް ކިޔާ ފިހާރައެއްގަ އެވެ.

އެތަނުގައި އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، މެންދުރު 1:30 އެހާކަންހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އެތަނުގައި ރޯވީ އޭސީ އިންޑޯގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގައި ރޯވެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އަދި ކެފޭއާ އިންވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރިއާ ހަމައަށް އަލިފާން ފޯރައި، އެ ތަނުގައި އެހެން ފްލޯތަކަށް ވެސް އަލިފާންގަނޑު ވަދެ، ގެއްލުންތަކެއް ލިބުނެވެ.