ފަތުރުވެރިންނަށް މެލޭޝިއާ ހުޅުވާލާނީ އަންނަ އަހަރު ކަމަށް އެގައުމުން ބުނެފިއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފަތުރުވެރިން އެތެރެކުރުން މެލޭޝިއާއިން ހުއްޓާލާފައިވާއިރު އެގައުމުން ވަނީ ވައިރަހުން ސަލާމަތް ވަމުން އަންނަ ގައުމުތަކުގެ ހާއްސަ ލިސްޓެއް އެކުލަވައިލަމުން ދާކަމަށް ބުނެފައެވެ.

މެލޭޝިއާގެ ޓުއަރިޒަމް މިނިސްޓަރު ނެންސީ ޝުކްރީ ވިދާޅުވީ ބައެއް ގައުމުތަކަކީ ކޮވިޑްގެ ދެވަނަ ނުވަތަ ތިން ވަނަ ރާޅެއް ތަޖުރިބާ ކުރަމުން އަންނަ ގައުމުތައް ކަމަށާއި މިގައުމުތަށް ސޭފް ލިސްޓުގައި އެއްވެސް ގައުމެއް ހިމެނުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ވަނީ އެގައުމުގެ އާންމުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި ބޯޑަރު ހުޅުވާލަން އަދި ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިއާއިން ވަނީ އެގައުމަށް ފަތުރުވެރިން ގެންދިއުމަށް މިއަހަރުގެ ކުރީކޮޅު ހާއްސަ ކެމްޕޭނެއްވެސް ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވަނީ މި ކެމްޕެއިންވެސް މަޑު ޖައްސާލައިފައެވެ.