ބޮޑުތަކުރުފާނު މަގު، ހ. ކެފޭ ޓިއޯލޯ ހިންގި އިމާރާތުގައި ރޭ ރޯވި އަލިފާންގަނޑު ފެތުރި އެ އިމާރާތާއި، އިން ވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގ ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެ ބިލްޑިންގައިހުރި އުރީދޫގެ އެޕާޓްމަންޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.

އެ ހާދިސާއާބެހޭގޮތުން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޑިރެކްޓާ ސޭލްސް ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސެއިން ނިޔާޒު ވިދާޅުވީ، އުދީރޫގެ ހަަތަރު އެޕާޓްމަންޓެއް އެ ބިލްޑިންގ ގައި ހުންނަ ކަމަށެވެ.

ނަމަވެސް އެއީ، އުރީދޫގެ އެޑްމިނިސްޓްރޭޓިން މަސައްކަތް ކުރިއަށްގެންދާ މެއިން ހެޑްކުއާޓާ ކަމަށާއި އެތަންތަނުގައި މަސައްކަތް ކުރައްވަނީ، ސިއީއޯ އާއި ފައިނޭންޝަލް، ކޮމާޝަލް، އަދި އެޗްއާރުގެ އިސްބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަންތަނަކީ ބޭނުން ނުކޮށް ހުންނަތާ ދުވަސްތަކެއް ވެފައިވާ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ލޮކްޑައުންއާއެކު މާޗްމަހުން ފެށިގެން އެ ތަންތަނުގައި މަސައްކަތް ކުރަމުން ނުދާ ކަމަށާއި، އެވަގުތުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ހޯމްގައި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ނިޔާޒު ވިދާޅުވީ، އެތަންތަނުގައި ސެޓަޕްތައް ގާއިމްވެފައިވުމުން، ކޮމްޕިއުޓަރުތަކާއި، ފަރުނީޗަރު ހުރުމުން އެތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެތަންތަނުގައިހުރި ހުރިހާ އޭސީތަކެއްވެސް ހަލާކު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އެތަންތަނަށް ލިބިފައިވާ ފުރިހަމަ ގެއްލުންތައް އަދި ސާފު ނުވާ ކަމަށެވެ. ރަސްމީކޮށް އެތަންތަނަށް ވަނުމުގެ ފުރުސަތު ލިބޭނީ މިއަދު މެންދުރުފަހު ކަމަށާއި، އޭރުން އެތަންތަނަށް ލިބިފގައިވާ ފުރިހަމަ ގެއްލުން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު އެތަނަށް ވަދެވުނީ ވަރަށް ކުޑައިރުކޮޅަކަށް. އެއީ ފުލުހުން އެތަަނަށް ވަތްއިރު އެމީހުންނާއެކީ، ވަރަށް ގެއްލުންވެފަ ހުރީ، ނަމަވެސް އެތަަނަށް ރަސްމީކޮށް ވަދެވޭވަރުވާނީ މެންދުރުފަހު،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ ސަބަބުން އުރީދޫގެ އޮޕަރޭޝަނަށް އެއްވެސް މައްސަލަތަކެއް ދިމާ ނުވާނެ ކަމަށެވެ.

އެއީ އުރީދޫގެ ޓެކްނިކަލް އާއި، ކަސްޓަމާކެއާގެ މަސައްކަަތްތައް ހުޅުމާލޭގައި ކުރިއަށްދާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ 10 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ.

އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް އަލިފާންގަނޑު ފެތުރި އެ އިމާރާތަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.