ބޮޑުތަކުރުފާނު މަގުގައި ހުންނަ ޓިއޮލޯ ކެފޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިކަން އާންމު ކޮށްފައިވަނީ ރޭ ދަންވަރު ކުރި ޓުވީޓެއްގައެވެ.

ރޭ ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަށަވަރުކުރުމަށްފަހު އެމީހުންނަށް އެކަން ހަމަޖައްސައިދޭނެ ކަމަށް އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ރޭ ވިދާޅުވެފައި ވެއެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެންޑީއެމްއޭ އިން ވަނީ ކަލާފާނު ސުކޫލުގައި ސެޓަޕެއް ހަދައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެތަން ތައްޔާރުވެސް ކޮށްފައެވެ.

ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ ރޭ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީ ހަރަކާތްތެރިވި އެވެ.