ހުސެއިން ޝަހީމް (އަނދުން ހުސެއިން)

އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް: އަނދުން ހުސައިން

އަލީ ޔާމިން

މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ކުރެއްވީ ޓުވީޓެއްގައެވެ.

ވެރިކަންކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އަނދުން ހުސެއިން ވިދާޅުވީ، އަލިފާނުގެ ބޮޑު ހާދިސާ އަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް އިންޑިއާ އާއި މެދު ނަފުރަތު އުފެއްދުމަށް ހިންގާފައިވާ އަމަލަކަށް ވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އެކަމުގެ އަޑީގައިވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޝަހީމް ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

"ފުލުހުން މިކަމުގައި އަޑީގައިވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަވާ!." އަނދުން ހުސެއިން ވިދާޅުވިއެވެ.

އެސްބީއައި ހުންނަ އިމާރާތާއި އެ އިމާރާތާއި ޖެހިގެން ހުރި ކެފޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް އަނދުން ހުސެއިން ވިދާޅުވި ނަމަވެސް އެފަދަ ތުހުމަތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.

އެސްބީއައި ހުންނަ އިމާރާތާއި އެ އިމާރާތާ ޖެހިގެން ހުރި ކެފޭގައި ރޭ 930 އެހާ އިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ 1130 އެހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.