މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަށަވަރު ކުރުމަށްފަހު އެކަން ހަމަޖައްސައިދޭނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އަލިފާން ރޯވި ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ދިރިއުޅެ މީހުން އެތަންތަނުން ނެރެ، އިމާރާތްތައް ހުސްކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަށަވަރުކުރުމަށްފަހު އެމީހުންނަށް އެކަން ހަމަޖައްސައިދޭނެ ކަމަށެވެ،
"އެކޮމަޑޭޝަން ހޯދުމުގެ މަސައްކަތް އެބަ ކުރަން، އެފަރާތްތައް ތަންތަނަށް ބަދަލުކުރަން ނިންމާނީ އަލިފާން އެއްކޮށް ނިއްވާލެވުނީމަ، އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިގެން އަޅުގަނޑުމެންނަކަށް މައުލޫމާތެއް ނުލިބޭ،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަލާފާނު ސުކޫލުގައި ސެޓަޕެއް ހަދައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެތަން ތައްޔާރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެއްވެސް ފަރާތެއް އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ނެތް ކަމަށެވެ.
މިރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ މިރޭ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީ ހަރަކާތްތެރިވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު