މިދިޔަ 24 ގަޑިއިރު ތެރޭ 140 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 7469 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 114 ދިވެއްސަކާއި ބަންގުލަދޭޝްގެ 17 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި ޔޫއޭއީގެ ދެ މީހަކާއި ކެންޔާގެ މީހަކާއި ފްރާންސްގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 182 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 4873 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2568 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1426 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 192 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ މަރުވެފައެވެ. އެއީ 22 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.