ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެމީހުން މިއަދު ފުރުވާލީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ފޮނުވާލި މީހުންނާއެކު މިމަހު އެކަނި ވެސް 1351 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލެވިފަ އެވެ. އަދި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 6332 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އެ މީހުންގެ ގައުމަށް ގެންގޮސްފައިވާނެ ކަމަށް މޯލްވިއަނުން ބުނެ އެވެ.

ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.