ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 130 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 130 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 4691 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 104 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 76 ދިވެއްސަކާއި ބަންގުލަދޭޝްގެ 22 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލުގެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 7329 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1434 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 180 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ މަރުވެފައެވެ. އެއީ 22 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.