އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން ހުޅުމާލެ އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓްތައް ފެށުމަށް ވާޗުއަލްކޮށް މިއަދު ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

އެގޮތުން މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން އެޗްޑީސީ އަދި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ދެ ޕްރޮޖެކްޓްވެސް ހިންގާނީ އެޗްޑީސީން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓަކީ 9.989 މިލިއަން ދިވެހި ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރު މާޗް މަހު ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން ސެންޓްރަލް ޕާކް މަރާމާތުކުރުމަށް ހަރަދުވާނީ 8،993،614.88 ރުފިޔާ ކަމަށާއި، އިރުމަތީ ފަރާތު އެރައިވަލް ޖެޓީ މަރާމާތުކުރުމަށް ހަރަދުވާނީ 995،385.12 ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ސެންޓްރަލް ޕާކު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިނގާ ޕާތުވޭތައް ހެދުމާއި، ލައިޓިންގެ ބައެއް މަސައްކަތް އަދި އިށީންނާނެ ތަންތަން ހެދުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ބައިސްކަލް ދުއްވާނެ ލޭނެއްވެސް ޕާކް ތެރެއިން ހަދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.