ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އެ ކުންފުންޏަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގެ މައްސަލަތައް ބަލާ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ މިހާރު ވެސް ހިނގަމުންދާ ކޮންޓުރެކްޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެތަކެތި ހޯދުމަށް ހެލްތު މިނިސްޓްރީން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިތަކެތި ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނަން. އެގްރީމެންޓުގައި ޑިލޭ ޗާޖުގެ ވާހަކަ އެބައޮތް. އާބިޓްރޭޝަނަކަށް ހިންގައްޖެނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭ ކަމަށް ލިޔެފައި އެބައޮތް. އަޅުގަނޑުމެން ވެސް މިދަނީ މި ކޮންޓުރެކްޓުގެ އަޕްޑޭޓުތައް ހޯދަމުން. އެކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓަރު ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން 34 މިލިއަން ރުފިޔާއަށް ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އިރު، އެ ފައިސާގެ ތެރެއިން 30.9 މިލިއަން ރުފިޔާ ކުންފުންޏަށް ވަނީ ދައްކައިފަ އެވެ.

ނަމަވެސް އެއް މަސް ދުވަހުގެ ތެރޭގައި ދުބާއީ ކުންފުންޏާ ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 11 ވެންޓިލޭޓަރެވެ. އެއީ ވެސް ގެންނަން ހަވާލުކުރި ފެންވަރަށްވުރެ ދަށް ފެންވަރު ތަކެތިކަން އޮޑިޓް ރިޕޯޓުގައިވެ އެވެ.

ކޮމިޓީގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމުގައި ފިނޭންސް މިނިސްޓްރީން ކަންތައްތައް ކޮށްފައިވާނީ މާލިއްޔަތު ގަވާއިދަށް ރިއާޔަތްކޮށް، ހާލަތަށް ބަލައި ދައުލަތުން ސިއްހީ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށްޓަކާ ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަން ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމާއި އެކުންފުންޏަށް އެޑްވާންސް ފައިސާ ދޫކުރަން ޖެހޭނީ ވެސް މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަން ހެލްތު މިނިސްޓްރީއަށް އެންގި ކަމަށް އަމީރު ވިދާޅުވި އެވެ.