މިމަހުގެ 25 ވަނަ ދުވަހު ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިއުމަށްފަހު، މިއަދު މެންދުރު އެ ހާލަތު އުވައިލުމާ ގުޅިގެން ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިއައީ އެރަށުގައި ހޯމް ކަރަންޓީނު ކޮށްފައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށެވެ. ނަމަވެސް އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލިކަން މިއަދު 11:28 ގައި ވަނީ އަންގައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނިންމުމާ ގުޅިގެން ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށުގެ މޮނިޓަރިންގެ ހާލަތު އުވައިލީ ގއ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު އޮފިސަރު އަދި ހޮސްޕިޓަލުން ކޮވިޑް 19އަށް ކަނޑައަޅާފައި ހުންނަވާ ފޯކަލް ޕޮއިންޓުން އެޗްޕީއޭއަށް ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާ އާއި އެރަށު ބަޔަކު ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ، ފޯކަލް ޕޮއިންޓް ދޮގު މައުލޫމާތުތަކެއް ހިއްސާކުރުމުގެ ސަބަބުން، ރަށުގެ މޮނިޓަރިންގެ ހާލަތު އުވައިލުމަކީ އެ ކައުންސިލާއި ކޮވިޑް 19 ވިލިނގިލި ޓާސްކްފޯސް ކޮމެޓީން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ އެރަށުން ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ކައުންސިލުން މިކަމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެހާ ރައްޔިތުން ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

"ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށް، އެފަރާތްތަކުގެ ސާމްޕަލް ނަގައިި ނިމެންދެން ވިލިނގިލި މޮނިޓަރިން ހާލަތުގައި ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް މި އިދާރާއިން ކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ..،" ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ އެ ރަށުގެ މޮނީޓަރިންގެ ހާލަތު އުވައިލީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށްފަހު ކަމަށާއި ކައުންސިލަށް ރަށެއް މޮނީޓަރިންގެ ހާލަތަށް ނުގެންދެވޭނެ ކަމަށެވެ.

މިމަހުގެ 25 ވަނަ ދުވަހުން ގއ. ވިލިނގިލިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހެކެވެ.