މަސްވެރިކަމުގެ ގާނޫނުގެ ދަށުން، ހަދަންޖެހޭ ގަވާއިދެއް ނަހައްދަވައި ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުން އަލަށް ގެނައި އިސްލާހާއެކު މަސްވެރިކަމުގެ ބިލަށް އަމަލު ކުރަންފެށީ، 16 ސެޕްޓެމްބަރު 2019 ގައި ކަމަށެވެ.
އެ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ގާނޫގައި ބުނާ ގަވާއިދުތައް މިނިސްޓަރު ހައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ގަވާއިދުތައް މިނިސްޓަރު ހައްދަވަމުންގެންދަވާތޯ، މަޖިލީހުން ބަލަމުންގެންދާ ކަމަށެވެ.
އެގޮތުން މިނިސްޓަރު އެ ގަވައިދުތައް ނުހައްދަވައިގެން މަޖިލީހުގެ ގަވާއިދު ކޮމެޓީން މައްސަލަ ބެލުމުން އެ ގަވައިދުތައް ހައްދަވައި ކޮމެންޓް ކުރުމަށް އޭޖީ އޮފީހަށް ފޮނުއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވެފައިވިނަމަވެސް އެކަން އެގޮތަށް ނުކުރައްވާކަމަށް ކޮމެޓީން ބުނެފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލައިގައި މިނިސްޓަރު ޒަހާ ކަނޑައެޅިގެން ގާނޫނާ ހިލާފުވެވަޑައިގެންފައިވާ ކަމަށާއި، ގާނޫނުން ހަވާލު ކޮށްފައިވާ ކަމެއް ކަނޑައެޅިގެން މިނިސްޓަރު ކުރައްވާފައި ނުވާ ކަމަށް ކޮމެޓީން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން އެކަމާބެހޭ މައުލޫމާތު އިތުރަށް ސާފު ކުރައްވައި މަޖިލިސް މެންބަރުންނަށް އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު މަޖިލީހުގެ އިދާރީ މޭޒު މެދުވެރި ކުރައްވައި އެކަންތައް އޮޅުންފިލުއްވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ މިއަދު ހެނދުނު 9:38 ގައި ހަތަރު ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން ގެޒެޓްކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ނަމަވެސް އަދި އިތުރު ތިިން ގަވާއިދެއް ނަހަދައިވާ ކަމަށާއި، އެކަމާމެދު އަމަލުކުރާނެ ގޮތް އެނގިވަޑައިގަންނަވާނީ މަޖިލިސް މެންބަރުންނަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް