ކޮވިޑުގެ ބައެއް ބަލި މީހުން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)އަށް ބަދަލުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ވަރަށް ބެޑް ކެޕޭސިޓީވެސް ފުރެމުންދާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެޑްމިޓް ކުރުމަށް ހުޅުމާލޭގައި ގާއިމު ކުރި 290 އެނދުގެ ކޮވިޑް ފެސިލިޓީގެ 68 އިންސައްތަ ފުރިފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީ ފުތުރެމުންދާތީ އެތަނުގައި ހުރި އެނދުތައް ހުސްކުރުމަށްޓަކައި އެތަނުގައި ފަރުވާދެމުން އަންނަ ބައެއް ބަލި މީހުން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މީގެ ދެ ދުވަހެއްގެ ތެރޭގައި އެޗްއައިއެޗްގެ މަސައްކަތް މިވަނީ ފެށިފައި. އެޗްއައިއެޗުގައި މި ބައިތިއްބަނީ ހައިރިސްކް، އެހެންނަމަވެސް ސްޓޭބަލް މީހުން. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދު ހުސްކުރުމުގެ ގޮތުން ކޮންމެވެސް ވަރަކަށް އެޗްއައިއެޗަށް ވަނީ މީހުން ގެންދެވިފައި،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ މާލޭ ސަރަހައްދުގައި ހުރި ސަރުކާރުގެ ހޮސްޕިޓަލުތަކާއި، ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ބޭނުންވެސް ކުރަން ޖެހިދާނެ ކަމަށެވެ. އަދި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑަށް ފަރުވާދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.