މާލެ ސަރަހައްދުގެ ފެސިލިޓީތަކަށް ރަށްރަށުން ވެސް ނަރުހުން ގެނެސްފައިވާނެ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ މާލޭ ސަރަހައްދުގައި ކޮވިޑް 19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރިވެފައިވާ ކަމަށެވެ. އަދި ކޭސްތައް އިތުރުވާއިރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އަތޮޅުތެރޭގައި މަސައްކަތް ކުރާ ބައެއް ނަރުހުންވެސް މާލޭ ސަރަހައްދުގެ ފެސިލިޓީތަކަށް ގެނެސްފައިވާ ކަމަށެވެ.

"އެންމެ ބޮޑަށް ކަންބޮވޮޑުވާން ޖެހުނު މައްސަލައަކީ އިންސާނީ ވަސީލަތް މަދުކަން، މި ބައްޔަށް ފަރުވާކުރާ ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުން މަދުވެފައިވާކަން. އެހެންކަމުން ވޯކްފޯސް ސްޓްރެޗްވެފައި އޮތް ވާހަކަ. އެހެންކަމުން މިއަށް ހައްލުތަކެއް ހޯދުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް އެބަކުރެވޭ. އެހެންކަމުން އަތޮޅުތެރެއިންވެސް މިހާރު ބައެއް ނަރުހުން ގްރޭޓާ މާލޭ އޭރިއާގައި ހުރި ކޮވިޑް ފެސިލިޓީތަކަށް އެބަ ގެނެވޭ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލުތަކުގައި ކޮވިޑްގެ އެއްވެސް ބަލި މީހެއް މިވަގުތު އެޑްމިޓް ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ހޮސްޕިޓަލުތަކުގައިވެސް ކޮވިޑްގެ ބަލި މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިދާނެ ކަމަށެވެ.

މިފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ސަރުކާރުން އަންނަނީ ކޮވިޑަށް ފަރުވާކުރުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.