ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޔޫރޯ ސްޓޯރުގެ އޮފީހުގެ ދެ ތިޖޫރި ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޔޫރޯ ސްޓޯރުގެ ދެ ތިޖޫރީއެއް ފަޅާލައި، 4.8 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެއެވެ.

ޔޫރޯ ސްޓޯރުން ވައްކަށް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ އެ ދުވަހު ރޭގަނޑެވެ.

ރާއްޖޭގެ މަޝްހޫރު ކުންފުންޏެއްގެ އޮފީހުގެ ދެ ތިޖޫރި ފަޅާލި އިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާ އާއި 2200 އެމެރިކާ ޑޮލަރުގެ ބޮޑު ވައްކަމެއް ވަނީ ކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ފުލުހުން އޭގެ ފަހުން ހާމަކޮށްފައެއް ނުވެއެވެ.