ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި ބޮޑެތި ކަންތައްތަކެއް ހިންގާފައިވާކަން ފާހަގަކޮށް އޮޑިޓަރު ޖެނެރަލް ނެރެފައިވާ ރިޕޯޓަކީ އިންސާފާ ވަރަށް ބީރައްޓެހި ރިޕޯޓެއް ކަމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރު އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބުދުލްކަރީމު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހެލްތު މިނިސްޓްރީން ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި، މާލިއްޔަތުގެ ގާނޫނާއި، ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އެކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އަބޫބަކުރު ވިދާޅުވީ، ވެންޓިލޭތަރުތަކުގެ ކަންތަކުގައި ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްދެއްވި ލިއުންތަކަށް ބިނާކޮށް މާބޮޑު އެއްޗެއް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް އެހެން ފަރާތްތަކުން ދެއްވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ބޮޑަށް ބުރަވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަ ވާކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ އިންސާފާ ބީރައްޓެހި ރިޕޯޓެއް ކަަމަށް ވިދާޅުވަނީ، ރިޕޯޓްގައިވާ ކަންތައްތަކުން އެކަން ސާބިތުކޮށްދެވެން އޮތުމުން ކަމަށެވެ.
އެކަމާބެހޭ އިތުރު ތަފްސީލް ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ގާސިމް ވެސް ވިދާޅުވީ، ވެންޓިލޭޓަރުތައް ހަވާލު ކުރުމާއި، އެކަންތައްތައް ހިނގައިދިޔަގޮތާބެހޭ ހުރިހާ މައުލޫމާތެއް ތާރީހުތަކާއެކު އެޑިޓާ ޖެނެރަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ. ނަަމެސް އެ މައުލޫމާތު ރިޕޯޓްގައި ފުރިހަމައަށް ހިމަނާފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޑިޓާޖެނެރަލް ރިޕޯޓް ނެރުއްވީ އެ މައުލޫމާތުތައް ފޮނުވި ދުވަހުނޫން އަނެއް ދުވަހު ކަމަށެވެ. އަދި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން، އޮޑިޓާޖެނެރަލް ބޭނުންވި ހުރިހާ މައުލޫމާތެއް، ބޭނުންވިގޮތަށް އެފަރާތުން ފޮނުވި ފޯމުގައި ހިމަނައިގެން ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު