ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ހެލްތު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ، އެ މައްސަލަ ބެލުމަށް މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ނިންމައިފިއެވެ.

އެ މައްސަލަ ބަލަން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު ޔައުގޫބު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި އާއިލީގޮތުން ގުޅުންހުރި ފަރާތެއް ހިމެނޭކަމަށް ކޮމިޓީގެ މުގައްރިރާއި މެންބަރުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބެލުމުގައި ބައިވެރިވުމަކީ އޭނާގެ މަސްލަހަތު ފުށުއާރާ ކަމަކަށްވާތީ މީގެ ފަހުން އެ މައްސަލަ ބެލުމަށް ބާއްވާ ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ ކޮމިޓީން އެ މައްސަލަ ބެލުމުގައި އިންސާފާއި ހަމަހަމަކަމުން އެއްކިބާ ނުވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުބަލަައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ކޮމިޓީން ފިޔަވަޅު އަޅާނެކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔައުގޫބު ވިދާޅުވީ އޭނާ ބޭނުންވަނީވެސް އެގޮތް ކަމަށެވެ.