ސިނަމާލެ ބުރިޖު މަތީ ސައިކަލުތަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ސިނަމާލެ ބުރިޖުގެ ސައިކަލް ލޭނުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި އަދި އިތުރު ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:50 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ތިން ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު، އެކްސިޑެންޓްވުމުން މަޑުނުކޮށް އެތަނުން ގޮސްފައިވާ ކަމަށާއި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.