ކޮވިޑް 19 އާ ގުޅިގެން ފޮރިން މިނިސްޓްރީން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އޮޑިޓް އޮފީހުން މިއަދު އާންމުކޮށްފައިވާ އިރު، އެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުން ކަމަށެވެ.
އެއީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ އާއި ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާއިން ތައުލީމު ހާސިލުކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިނގި ހަރަދުގެ އިތުރުން ކޮވިޑާ ގުޅިގެން އެކި ގައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކުން ކޮށްފައިވާ ހަރަދުތަކެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފޮރިން މިނިސްޓްރީން ކޮށްފައިވާ ޖުމްލަ ހަރަދަކީ 7,266,467 އެވެ. އެ ހަރަދުތަކުގެ ހުރިހާ ތަފްސީލެއް އޮޑިޓް ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން ޗައިނާ، މެލޭޝިޔާ އަދި ސްރީލަންކާގައި ތިބި ދިވެހިންނަށް މާލީގެ އެހީގެ ގޮތުގައި ދެވުނު ފައިސާގެ ތެރޭގައި އެ ގައުމުތަކުން ހާލުގައި ޖެހުނު މީހުންނަށް ދެވުނު މާލީ އެހީގެ އިތުރުން އެހީގެ ގޮތުގައި ބޭސްފަރުވާއަށް ހިނގާފައިވާ ހަރަދުތައް ހިމަނާފައިވެއެވެ.
އޮޑިޓް ރިޕޯޓް ނިންމާލަމުން ބުނެފައިވަނީ 1 ޖެނުއަރީ 2020 އިން 30 ޖޫން 2020ގެ ނިޔަލަށް ކޮވިޑާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް ފޮރިން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު