ޚަބަރު

މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 93 މައްސަލައެއް!

މިދިޔަ ޖުލައި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފައިވާ އިރު، ޖުލައި މަހު ޖެންޑާއަށް ޖުމްލަ 170 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 93 މައްސަލަ ހިމެނެއެވެ.

އެގޮތުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މިދިޔަ މަހު 36 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާގެ 20 މައްސަލައަކާއި އިހުމާލުވުމުގެ 20 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ފެނުނު ހަތް މައްސަލައަކާއި ނަފުސާނީ އަނިޔާގެ ހަތަރު މައްސަލައަކާއި ނަހަމަގޮތުގައި ކުޑަކުއްޖާ ބޭނުންކުރުމުގެ ދެ މައްސަލައަކާއި އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ ޝިކާރައަކަށްވި ދެ މައްސަލައަކާއި ގަނާގެ ޝިކާރައަކަށްވުމުގެ މައްސަލައެއް އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން އާއިލީ މައްސަލަތަކުގެ 19 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލައަކާއި ދަރިންނަށް ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލަ އަދި ކުދިންނާ ބައްދަލުނުކުރެވޭ ފަސް މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ޖުލައި މަހު ހުށަހަޅަފައިވާ ކަމަށެވެ. އެގޮތުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 11 މައްސަލައަކާއި ޖިންސީ އަނިޔާގެ ތިން މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލައަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައެއް ވެސް ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ޖުލައި މަހު ރިޕޯޓުކޮށްފައިވެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ މައްސަލައެއް ހިމެނެއެވެ. އަދި ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ ދެ މައްސަލަ ޖުލައި މަހު ރިޕޯޓުކުރި އިރު އޭގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ މައްސަލައަކާއި ތައުލީމަށް ހުރަސްއެޅުމުގެ މައްސަލައެއް ހިމެނެއެވެ.