ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލީގައި މަރުވާ މީހުން އިތުރުވެދާނެ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ހަބަރު ފީތާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، މިހާރު ކޭސްތައް އިތުރުވަމުންދާގޮތުން ބަލާނަމަ ސިއްހީ ނިޒާމަށް ކަތާނެތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާ ނިމުނުއިރު މާލޭގައި ކޮވިޑަށް ފަރުވާދޭ އެނދުގެ 62 ޕަސެންޓް ފުރިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޓެކްނިކަލީ ބުނަންޏާ، އަޅުގަނޑު ޕާސަނަލީ ޕަބްލިކް ހެލްތު މީހެއްގެ ގޮތުގައި ބުނާނަމަ އިޓްސް ޓައިމް ފޮ އަ ލޮކްޑައުންއޭ. އެކަމަކު ސޯޝަލް އިކޮނޮމިކް ސިޗުއޭޝަންސްއާ ހެދި ކިހިނެއް ހެއްޔޭ މީތި ބެލެންސް ކުރާނީ. އަދިވެސް މެނޭޖްކުރެވޭނެ ހެއްޔޭ ލޮކްޑައުންއަކަށް ނުގޮސް،" ޑރ. ޝީނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކުގައި މީހުން މަރުވެގެން ދަނީ ސިއްހީ ނިޒާމަށް ނުކަތައިގެން ގޮސް ކަމަށާއި ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމާއެކު އެމީހުންނަށް ފަރުވާ ދެވޭނެ އެނދާއި ޑޮކްޓަރުންނާއި ނަރުހުން ވެސް ނެތިގެން ކަމަށެވެ.

"ރާއްޖޭގެ ސިޗުއޭޝަންގައި އެނދުގެ ވާހަކަ އެކަނި މިދައްކަނީ. ޕަބްލިކުގައި ނުދައްކާ ޑޮކްޓަރުންނާއި ނަރުހުން މަދު ވާހަކައެއް. އާންމު ހާލަތުގައި ކޮންމެ ފަސް އެނދަކަށް އެއް ނަރުސް ހުރޭ. މިހާރު 30 އެނދަށް އެއް ނަރުސް ލައިގެން. ދެން ވިސްނާލެވޭނެ ކޮލިޓީ އޮފް ކެއާއަށްވާނެ ގޮތް. ޑޮކްޓަރުގެ ޝޯޓޭޖެއް ވެސް އެބަ އޮތް،" ޑރ. ޝީނާ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ، ސީދާ ލޮކްޑައުންއަކަށް ގޮސްފިއްޔާ ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އުޅެންޖެހޭ ހާލު ރައްޔިތުންނަށް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.