ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޔޫރޯ ސްޓޯރުގެ އޮފީހުގެ ދެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޗާންދަނީ މަގުގައި ހުންނަ މއ. ޖަވާހިރިއްޔާގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް ބަޔަކު ވަދެ އެތަނުގައި ހުރި ދެ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު ކަމަށާއި އަދި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެތަނަށް ވަގުން ވަދެފައިވަނީ އޮފީހުގެ ދޮރެއް ހަލާކު ކޮށްލައިގެންނެވެ. މިކަމާ ގުޅިގެން ޔޫރޯ ސްޓޯރުން ވެސް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ މަޝްހޫރު ކުންފުންޏެއްގެ އޮފީހުގެ ދެ ތިޖޫރި ފަޅާލި އިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި 1.7 މިލިއަން ރުފިޔާ އާއި 2200 އެމެރިކާ ޑޮލަރުގެ ބޮޑު ވައްކަމެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން އޭގެ ފަހުން ހާމަކޮށްފައެއް ނުވެއެވެ.