ރ. ދުވާފަރުން ތިން އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ތެރޭގައި ދުވާފަރުގައި ހޯމް ކަރަންޓީންގެ މުއްދަތު ހަމަކޮށް، ކޮވިޑަށް ނެގެޓިވްވުމުން ދޫކޮށްލި ތިން މީހަކު އަލުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެކަމާ ގުޅިގެން މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރ. ދުވާފަރުން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާއިރު، ކޮވިޑް ޖެހިފައިވާ މީހަކު އެ އަތޮޅު އިނގުރައިދޫ އާއި ހުޅުދުއްފާޜުން ވެސް ވަނީ ފެނިފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6660 އަށް އަރާފައިވާއިރު އެ ބަލީގައި 26 މީހަކު ވަނީ މަރުވެފަ އެވެ. އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 2521 މީހުންނެވެ.