ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދެމެދު މާލޭ ސަރަހައްދުގެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ނިންމުމަކީ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ބޭރުގައި އުޅޭ ވަގުތު މަދުކުރުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށެވެ.
"މަޝްވަރާއަށްފަހު މިހާރު ނިމިފައި އެބަ އޮތް މާދަމާ ރެޔަށްފަހު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުން،" ނަޒްލާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެވަގުތު ތަކުގައި އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރަށް ދޭނީ ނަސޭހަތް ކަމަށާއި ދެ ވަނަ ފަހަރަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެގޮތަށް ތަކުރާރުވާނަމަ އުޅަނދު ޓޯ ކުރާނެ ކަމަށާއި އުޅަނދު ދޫ ކުރާނީ ޖޫރިމަނާ ދެއްކުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުޅަނދު ދުއްވާ ފަރާތާއި އުޅަނދު ވެސް ޖޫރިމަނާ ކުރާނެ ކަމަށާއި އެގަޑީގައި ދުއްވަން އިން ފަރާތަކީ އުޅަނދުގެ ވެރިފަރާތް ނޫންނަމަވެސް އުޅަނދު ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި މި ނިންމުމާއެކު ރޭގަނޑު 9:30ގައި ފިހާރަތައް ބަންދު ކުރުމަށްފަހު ދާންޖެހޭނީ ހިނގާފައި ކަމަށާއި އެކަމަށް ހާއްސަ ހުއްދައެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު