ރާއްޖޭގައި ވެރިކަންކުރަމުން މި އަންނަނީ ރިޔާސީ ނިޒާމަކަށް ވާތީ، ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުބާރު އޮތްތޯ ބަލަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
މޫސަ މިއަދު ކުރެއްވި ޓުވީޓަކާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ދެންނެވުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮންމެ ދުވަހަކު ވަޒީރުންގެ މަޖިލީހުގެ ވަކި މެންބަރަކަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވުމުން، ދައުލަތުގެ ހުރިހާ ކަމެއް ހުއްޓުމަށް އައިސް، މަޖިލީހުގެ ހުރިހާ މެންބަރުންނާއި ވެރިކަން ކުރާ ކޯލިޝަނާއި އެމްޑީޕީ ތެރޭގައި އަރައިރުންވެ ހައިޖާނު ހަދަން ނުޖެހޭ ކަމަށެވެ. އެހެން އެކަން ނުވެސް ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މަޖިލިސް ރައީސް ވަޒީރަކަށް އިތުބާރު ކުރޭތޯ ނުވަތަ ނޫންތޯ އެއީ ބަލަންވެސް ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސަކަށްވެސް އިންނަވަނީ ކޮންމެވެސް ދާއިރާއެއްގެ ރައްޔިތުން އެ ދާއިރާއެއް ތަމްސީލުކުން ހޮވާފައި ހުރި މެންބަރެއް ކަމަށާއި އެ ފަދަ މައްސަލައެއް އޮތް ނަމަ މަޖިލިސް ރައީސްގެ ގޮނޑި ދޫކުރައްވައި، ދާއިރާގެ ގޮނޑީގައި އިންނަވައިގެން އެ ކަންބޮޑުވުން ފާޅުކުރެއްވިދާނެ ކަމަށެވެ. އެޔަށްވުރެ ބޮޑު ހައިސިއްޔަތެެއް ނަންގަވައިގެން މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނުވަތަ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން އެކަން ކުރެވޭނެ އެއްވެސް ގޮތެއް ގަވައިދާއި ގާނޫނުގެ ތެރޭގައިވެސް އަދި ވެރިކަން ކުރާ ރިޔާސީ ނިޒާމުގެ ތެރޭގައި ވެސް ނެތް ކަމަށް މޫސަ ފާހަގަކުރެއްވި އެވެ.
"ކޮން ކަމެއް ކުރައްވަންތޯ މި އުޅުއްވަނީ؟ ރާއްޖޭގެ ވެރިކަން މި ކުރަނީ ރިޔާސީ ނިޒާމަކަށް. އެއީ ދިވެހި ރައްޔިތުން ނިންމާފަ އޮތްގޮތް. މި ނިޒާމުގައި ވަޒީރުންގެ މަޖިލީހަށް މި ލަނީ ސަރުކާރު ހިންގަވާން ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ގަބޫލުކުރެއްވޭ، އެބޭފުޅަކު އިތުބާރުކުރައްވާ ބޭފުޅުން. ބަޔަކަށް ގަބޫލު ކުރެވުނަސް ނުކުރެވުނަސް މިއަދު އެ މަގާމުގައި އެހުންނެވީ އިބްރާހީމް މުހައްމަދު ސޯލިހު. އެހެންވީމަ އިބޫގެ އިތުބާރު ކެބިނެޓަށް އޮތީމަ ނިމުނީ. މަޖިލިސް ރައީސް އެއްދުވަހަކު އަރާފަ މިވެނި ވަޒީރަކަށް ތިމަންނާ އިތުބާރުކުރައްވަމޭ، އެވެނި ވަޒީރަކަށް އިތުބާރެެއް ނުކުރައްވަމޭ ވިދާޅުވެ އެދައްކަވާ ވާހަކައަކީ ކީއްވެ ދައްކަވާ ވާހަކައެއްކަން އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން ބެއްޔަސް އަދި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ވިޔަސް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަލިކަށި ކޮށްލައްވައި، ޕްރެޝަރުތައް ކުރިމަތިކުރައްވަން އެކުރައްވާ މަސައްކަތަކީ ޑިމޮކްރެސީއާ ބީރައްޓެހި އުސޫލުތަކާއި ހަމަތަކުން ބަލާއިރުވެސް ކުރެއްވޭނެ ކަންކަން ނޫން ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރައީސް ސޯލިހުގެ ސަރުކާރު ބަލިކަށި ނުކުރެއްވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"މަޖިލީހުގައި މެންބަރުންގެ ސާފު މެޖޯރިޓީ ރައީސް ސޯލިހަށް ތާއީދު އެބަ ކުރައްވާ. އެހެންވީމަ މަޖިލިސް ރައީސް ވަކި މީހަކަށް ތިމަންނާ ތާއީދުކުރައްވަމޭ ވިދާޅުވުން މުހިއްމެއް ނޫން. ރައީސް ސޯލިހުގެ ތާއީދު މަޖިލީހުގައި އޮތް ގޮތް މިނިސްޓަރު ފައްޔާޒްގެ ވޯޓުން ވަރަށް ބޮޑަށް ސާފުވެއްޖެ. އެއީ ވެސް މަޖިލިސް ރައީސް ކުރެއްވި ޓެސްޓެއް." އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރީން ކުރެއްވި މޫސަ ވިދާޅުވި އެވެ.
މޫސަ މިގޮތަށް ޓުވީޓު ކުރެއްވި އިރު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތުގައި އިސްވެ އުޅުއްވަނީ ވެސް މަޖިލިސް ރައީސް ނަޝީދު އެވެ. މިނިސްޓަރު ފައްޔާޒަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ވެސް މަޖިލިސް ރައީސް ވަނީ ފައްޔާޒަށް ދެއްވައިފަ އެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު މި މޭރުމުން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސް ސޯލިހު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ތެދުވެވަޑައިގެންފަ އެވެ. އެ ގޮތުން މިނިސްޓަރު ފައްޔާޒަށް ފުރިހަމަޔަށް އިތުބާރު ކުރައްވާ ކަމަށާއި ފައްޔާޒްގެ މަގާމު ދިފާއުކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް
ރީކޯ މޫސާ މަނިކް