އިޓަލީގެ އިންޓަ މިލާން ބަލިކޮށް، ސްޕެއިންގެ ސެވިއްޔާ އިން ހަވަނަ ފަހަރަށް ޔޫއެފާ ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފިއެވެ.

ސެވިއްޔާ އިން ޔޫރޮފާ ލީގުގެ ތަށި އުފުލައިލީ ޖަރުމަންގެ ރެއިން އެނާޖީ ސްޓޭޑިއޯންގައި ރޭ ކުޅުނު ފައިނަލުގައި 3-2ގެ ނަތީޖާއަކުން އިންޓަ ބަލިކޮށްގެންނެވެ.

އެ މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި އިންޓަ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ލަނޑަކީ ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން އިންޓަގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއަށް ޑިއޭގޯ ކާލޯސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އިންޓައަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ލުކާކޫއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހެސުސް ނަވާސް ނަގައިދިން ހުރަހަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް ފޯވަޑް ލޫކް ޑި ޔޮންގްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. އެވާ ބަނޭގާ ނަގައިދިން ހުރަހަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑި ޔޮންގްއެވެ. އޭނާ އެ ލަނޑު ވެސް ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސެވިއްޔާ އިން ލީޑު ހޯދިތާ ދެ މިނެޓުގެ ތެރޭ އިންޓަ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މާސެލޯ ބްރޮޒޮވިޗް ނަގައިދިން ހިލޭ ޖެހުމަކުން އިންޓައަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ޑިފެންޑަރު ޑިއޭގޯ ގޮޑިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ސެވިއްޔާ އިން އަލުން ލީޑު ހޯދީ 74 ވަނަ މިނެޓުގައެވެ. އެ ލަނޑަކީ އިންޓަގެ ލުކާކޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލުކާކޫ އަތުން ބައިކޮޅަށް އެ ލަނޑު ވަދެފައިވަނީ ސެވިއްޔާގެ ޑިއޭގޯ ކާލޯސް ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިންޓައަށް އަލުން ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ބްރޮޒޮވިޗް ނަގައިދިން ނުރައްކާތެރި ބޯޅަ، އިންޓަގެ މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާއަށް ރަނގަޅަށް ލިބޭ ގޮތް ވެފައެއް ނުވެއެވެ.

ސެވިއްޔާއަކީ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކްލަބެވެ. މި ސީޒަނުގެ ތައްޓާއެކު ސެވިއްޔާ އިން ވަނީ ޖުމުލަ ހަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2006، 2007، 2014، 2015، 2016 އަދި 2020 ގައެވެ. ފައިނަލުގައި ވާދަކުރި ކޮންމެ ފަހަރަކު ވެސް ސެވިއްޔާ އިން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.