ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތަކެއް އިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށެވެ.

"ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ބަލާއިރު ކީރިތި ރަސޫލާ ރަސޫލާ صلى الله عليه وسلم، އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާ އިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މިދެންނެވި ކަންކަން އިސްލާމްދީނުގެ ދިފާއުގައި ގުރުބާން ކުރައްވައިފައެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމަ ހަމަޖައްސާފައިވުން ކަމަށާއި މިގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއްކަމަކީ ހަތަރު މަސްކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވަން ފެއްޓެވުން ކަމަށެވެ.

"މިއީ ފުރިހަމަ ސިއްރިއްޔާތުގައި ކުރެއްވި ކަމެކެވެ. ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި އަލީގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަހާރަޕުޅު ލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ صلى الله عليه وسلم އަވަހާރަކޮށްލަން ރާވާފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި އަލީގެފާނު އަވަހާރަޕުޅުލެއްޕެވީ ފުރާނަފުޅު ގުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ صلى الله عليه وسلم ދިފާއު ކުރައްވައި، އިސްލާމް ދީން ދިފާއު ކުރެއްވުމުގެ މަތިވެރި މަގުސަދުގައެވެ. މައްކާ އިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި އެބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރެއްވުމަށް ހަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރަޟިޔަ ﷲ އަންހާއެވެ. އެކަމަނާ އެތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރުއްވައި އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ބުރަ އަދި އެހާމެ އުނދަގޫ ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ހަބަރުތައް ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން އަބްދުﷲ އެވެ. އަދި ތިން ރޭ ވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވައެވެ...،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނޭ ކަމަށެވެ.