ކޮވިޑާއި ގުޅުން ހުރި ކަންކަމަށް ޒަކާތު ފަންޑުން މިހާތަނަށް 5.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މިނިސްޓަރު ޒާހިރު ރޭ ވިދާޅުވީ ޒަކާތު ފަންޑުން މިދިޔަ އަހަރު ބޭސްފަރުވާގެ ގޮތުގައި 16 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށާއި މިއަހަރުގެ މިހާތަނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި އެ ފަންޑުން ފޯރުކޮށްދީފައިވަނީ 3.3 މިލިއަން ރުފިޔާ މަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މާލީ ގޮތުންނާއި އިގްތިސޯދީ އަދި އިޖުތިމާއި ގޮތުން ބޮޑެތި ގެއްލުންތަކެއް ގައުމަށް ކުރިމަތިވި ކަމަށާއި އެގޮތުން އެތައް ބަޔަކު ހާލުގައި ޖެހުނު ކަމަށެވެ. ކޮވިޑުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޒަކާތު ފަންޑުން ކޮވިޑަށް 15 މިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

"ކޮވިޑާއި ގުޅިގެން މަގުމަތި ވެ އުޅޭނެ ތަނެއް ނެތި ސަރުކާރުގެ ހިޔާތަކުގައި އުޅުނު މީހުންނަށް އެފަރާތްތަކަށް ކާން ދިނުމާއި ކަންކަން ކުރުމަށް އެއް މިލިއަން ރުފިޔާ ދިނިން" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ޕްރީ ސްކޫލުތަކާއި ގުރުއާން ކްލާސްތަކަށް ދިމާވި ދަތިތައް ހައްލުކުރުމަށް 1.5 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށާއި އެހެންކަމުން މިހާރު ޖުމްލަ 5.5 މިލިއަން ރުފިޔާ ކޮވިޑާއި ގުޅިގެން ޒަކާތު ފަންޑުން ހޭދަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.