އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަ އަލުން ރިވިއުކުރަނީ ދިރާސާއަކަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީގެ ޕަބްލިކު ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ޕީޖީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓަށް ހުށަހެޅުމަށްފަހު އަލުން އަނބުރާ ގެނެސްފައިވާ ބައެއް މައްސަލަތައް ރިވިއުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ކޭސްތައް ރިވިއު ކުރުނީ ދިރާސާކުރުމަށް ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ އެފަދަ ކޭސްތައް ދިރާސާއަށްޓަކައި ރިވިއު ކުރުމަށް އޭސީސީއާއެކު މީގެ ކުރިންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެ ކޭސްތައް ރިވިއު ކުރަނީ ހެދިފައިވާ ގޯސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ދިރާސާ ކުރުމަށް ކަމަށެވެ.
"އެ ކޭސްތަކުގެ ތެރޭގައި އައްސަދުގެ ކޭސްވެސް ހިމެނޭ. އެއީ ހަމައެކަނި ދިރާސާއަށް،" ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ޕްރޮސެކިއުޓް ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަލުން ދައުވާ ކުރުމަށް ކޯޓުން ގެންނަ ކޭސްތައް ފިޔަވައި، އިތުރު ކޭސްތައް އަލުން ރިވިއުކޮށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެގޮތުން އައްސަދުގެ ކޭސްއަކީވެސް ދައުވާ ނުކުރުމަށް އަނބުރާ ގެނައި ކޭސްއެއް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި އައްސަދު ހުންނެވި ދުވަސްވަރު ކީރިތި ޤުރުއާނުގެ ތަރުޖަމާ ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި ވަނިކޮށް ހުރިހާ ފޮތްތަކެއް ލިބިފައިވާ ކަމަށް ބަޔާންކޮށް ނޮވެލްޓީއަށް 30 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައި އައްސަދަށް ދައުވާ ކުރިއެވެ.
އެގޮތުން އައްސަދަށް ދައުވާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް ފަހުން މައްސަލަ ވަނީ ދައުވާ ނުކުރާ ގޮތަށް ނިންމައި އަލުން އަނބުރާ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު