ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރާއިއެކު، ތިން ގިޔަރު ކުރިޔަށް ޖައްސާލެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑީއާރްޕީއިން އިއްޔެ ވަނީ ޕްރޮގްރެސިވް ކޯލިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ނުހިމެނޭ ކޮންމެ ޕާޓީއަކަށްވެސް ޕްރޮގްރެސިވް ކޯލިޝަނާއެކު މަޝްވަރާކުރެވޭނެ ކަމަށެވެ. އެގޮތުން އަބްދުﷲ ޖާބިރުގެ އެދިވަޑައިގަތުމަކަށް ޑީއާރްޕީއާއެކު ޕްރޮގްރެސިވް ކޯލިޝަނުން މަޝްވަރާގެ މޭޒަށް ގޮސްފައިވާއިރު އެ މަޝްވަރާތަކުގައި އެ ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އެ ބައްދަލުވުމުގައި އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާނެ. ޑީއާރްޕީއާ އެކީގައި ޕީޕީއެމް އަށް މަސައްކަތް ކުރެވޭނެ ގޮތުގެ ފްރޭމްވޯކެއް އެކުލަވައިލެވޭނެ. އެ ފްރޭމްވޯކާ އެކީގައި މަސައްކަތް ކުރިއަށް ގެންދެވޭނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، އަބްދުﷲ ޖާބިރަކީ ސިޔާސީ މައިދާނުގައި ފުންނާބު އުސް ބޭފުޅެއް ކަމަށެވެ. ޖާބިރުގެ އަތްޕުޅުގައި ސަރުކާރު ބަލިކަށިކުރެވޭނެ އެތައް ހަތިޔާރެއް ހުންނާނެ ކަމަށާއި އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރަން ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް ޖާބިރާއެކު ތިން ގިޔަރު ކުރިޔަށް ޖައްސައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ގާނޫނީ އިމުން ބޭރުން ވައްޓާލާކަށް މަސައްކަތެއް ނުކުރާނަން. އަޅުގަނޑު ގަބޫލު ކުރަން ޑީއާރްޕީގެ ލީޑަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދިޔަ ވަރަށް ގިނަ ތަފާތު ކަންތައްތަކުގެ އާކައިވް ހުންނާނެ އެމަނިކުފާނުގެ އަތްޕުޅުގައި. އެމަނިކުފާނުގެ އަތްޕުޅުގައި ހުންނާނެ ވަރަށް ގިނަ ޓައިމް ބޮންތައް. އަދި އެމަނިކުފާނަށް ކުރެއްވޭނެ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، އެހެންކަމުން އަޅުގަނޑުމެން ގަބޫލު މިކުރަނީ އެމަނިކުފާނާއެކު ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިތުރު ތިން ގިޔަރު ކުރިޔަށް ޖައްސާލެވޭނެ ކަމަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަބްދުﷲ ޖާބިރު އިސްވެ ހިންގަވާ ޑީއާރްޕީއިން ޕްރޮގްރެސިވް ކޯލިޝަނާއެކު މަޝްވަރާކުރަން ފަށާފައިވާއިރު، ޖާބިރު އަންނަނީ އެކިއެކި ޕޯޑިއަމްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ވަގުތުން ވަގުތަށް ސަރުކާރު އެއްކޮށް އިސްތިއުފާދޭން ޖެހޭ ކަމަށް އެތައް ފަހަރަކު އޭނާ ވަނީ ވިދާޅުވެފައެވެ.