އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވައި، ބޭއްވި މުޒާހަރާއެއްގެ ތެރެއިން، އެ ގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނިއުދިއްލީގައި މުޒާހަރާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވާ ޖަންތަރް މަންތަރަށް މިސްރާބުޖަހާފައި ވަނިކޮށް، ރާހުލް ގާނދީއާއި އިދިކޮޅު އެހެން ބައެއް މެންބަރުން ހުއްޓުވީ ދިއްލީ ފުލުހުންނެވެ. ކޮންގްރެސް ޕާޓީގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދުރަށް ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ފުލުހުން ވަނީ އޭނާ ވެހިކަލަކަށް އަރުވައިގެން ގެންގޮސްފައެވެ. މީގެ އިތުރުން، މުޒާހަރާގެ ބައިވެރިންނާއި އިދިކޮޅު އެހެން ބައެއް ލީޑަރުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ވޯޓުލާ މީހުންގެ ލިސްޓުތައް އާކުރުމަށް މިހާރު ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާ ގޮތަށް ލިސްޓުތަކަށް ވަނީ ބަދަލުގެނެސްފައެވެ. މިގޮތުން، އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ގިނަ ބައެއްގެ ނަން ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން މިހާތަނަށް 130 މިލިއަނަށް ވުރެ ގިނަ ނަން ވޯޓުލާ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. އަދި މިކަމާ ގުޅިގެން އެތައް މިލިއަން ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފައި ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނާއި ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ ސިޔާސީ މަގުސަދެއް އޮވެގެން ކުރާ ކަމެއް ނޫނެވެ. އަދި ލިސްޓުތައް އާކުރުމުގެ ބޭނުމަކީ ދެފަހަރަށް ނަން އޮންނަ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ނަންތައް އުނިކުރުން ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މިއީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ރާހުލް ގާނދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިންވަނަ ފަހަރެވެ. އޭގެ ކުރީ ދުވަހު ވެސް މުޒާހަރާކުރަން އުޅުމުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ހުއްޓުވައި، ވަގުތީ ގޮތުން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރާހުލް ގާނދީ ވިދާޅުވީ، ގެނޭޝް ކުމާރަކީ ސައްހަ ކޮމިޝަނަރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭނާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން ދިއްލީ ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް