ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް 40 ދިވެހިން މިއަދު އިންޑިއާއަށް ފުރައިފިއެވެ.
އާސަންދައިން ބުނީ އެކުންފުނީގެ ދަށުން ބޭސްފަރުވާއަށް ފަސްވަނަ ބެޗް މިއަދު ހަވީރު 4:15 ގައި އިންޑިއާގެ ކޮޗިންއަށް ފުރާފައިވާ ކަމަށެވެ. އެގޮތުން މި ބެޗްގައި އާސަންދައިގެ ހަރަދުގައި 18 ބަލިމީހުންނާއި 18 އެހީތެރިން އަދި ހަތަރު މެޑިކަލް އެސްކޯޓުން ގޮސްފައިވާ ކަމަށެވެ.
އާސަންދައިން ބުނީ މި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައި އަމްރީތާ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މި ބެޗްގައި އެންސްޕާގެ ދަށުން ތިން އެހީތެރިއަކާއި އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެން ތިން އެހީތެރިއަކު ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާއިން ފްލައިޓް ރާއްޖެ އަންނަ އިރު، މި ބެޗްގައި ދިޔަ ހަތަރު މެޑިކަލް އެސްކޯޓުންނާއި ކުރިން ފަރުވާއަށް ގޮސްފައިވާ 19 ބަލި މީހަކާއި 18 އެހީތެރިން އަންނާނެ ކަމަށް އާސަންދައިން ބުންޏެވެ.
މި ބެޗްގައި ވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސައި، އެގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއާއެކުއެވެ. އަދި އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ.
އެގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ އަށް މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ހާއްސަ ހުއްދައާއެކު ބޭސްފަރުވާއަށް އެގައުމަށްދިޔަ ހަތަރު ދިވެއްސަކު ވަނީ މަރުވެފައެވެ. އާސަންދައިން ބުނީ އެ ހަތަރު މީހުންނަކީ އިންޑިއާއަށް ދިއުމުގެ ކުރިންވެސް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ހަތަރު މީހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު