އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ގާއިމް ކޮށްފައިވާ ބައިނަލް އަގްވާމީ މުއާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗާ ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" ރާއްޖެއިން ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު އޯޕީއައިސީއީއެސްސީއާރު ރާއްޖެއިން ތަސްދީގުކުރުމަށް ނިންމައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ހުސްވި ޖުލައިމަހުގެ 16 ގައެވެ.

އެއަށްފަހު އެ ކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު މައްސަލަ އިތުރަށް ދރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވެވިއެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އެ މުއާހަދާއާ ބެހޭގޮތުން ފޮރިން މިނިސްޓްރީ އާއި، އެޓާނީ ޖެނެރަލްގެ ލަފާ ކޮމިޓީން ވަނީ ހޯދައިފައެވެ.

"އޯޕީއައިސީއީއެސްސީއާރު" އަކީ "އައިސީސީއެސްސީއާރު" ގެ ދަށުން ކަށަވަރުކޮށްދޭ އިގްތިސާދީ، އިޖްތިމާއީ، އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން ކަމާބެހޭ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިބިދޭ މުއާހަދާއެކެވެ.

މި މައްސަަލަ މަޖިލީހަށް ފޮނުވަމުން ރައީސް އޮފީހުން ބުނެފައިވަނީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައިސީސީއެސްސީއާރް އަށް އަމަލުކުރުމަށްޓަކައި މިމުއާހަދާ ތަސްދީގުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އޯޕީއައިސީއީއެސްސީއާރް" މުއާހަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ އާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުއާހަދާގައި ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. 21 ސެޕްޓެމްބަރު 2011 ގައި ދިވެހިރާއްޖެއިން މިމުއާހަދާގައި ސޮއިކޮށްފައި ވީނަމަވެސް އަދި މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދާ ހަމައަށް މިމުއާހަދާ ތަސްދީގުކޮށްފައިވަނީ މުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.