ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް، ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ގައުމުތައް ތަރައްގީކޮށްގެންވެސް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ފަސްވަނަ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން، މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ ކާބަން ބޭރުކުރާ މިންވަރަކީ ބައެއް ގައުމުތަކުން ތަރައްގީ އަޅައިކިޔަން ގެންގުޅޭ މިންގަނޑެއް ކަމަށާއި ނަމަވެސް އެއީ އަމިއްލަ ފުރާނަ ނަގައިލަން ކޮށޭ މަގެއްކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ
"ފޮސިލް ފިއުލް އެންދިވަރަކަށް، ބޭރުކުރާ ކާބަންގެ މިންވަރު އިތުރުވެ، ގައުމު މުއްސަނދިވޭ. އެހެންވެ ބޭރުކުރެވުނު އެންމެ ގިނަޔަކުން ބޭރުކުރަން ބޭނުންވޭ.،" މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ހުޅަނގުގެ ގިނަ ގައުމުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތު ކުރާ އެންޖީއޯތަކަށް ހީވެފައި އޮންނަނީ ޖައްވު ހޫނުވުން ކުޑަކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުން ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށްވުރެ ތަރައްގީވެފައިވާ އާރުލާ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އޮސްޓްރޭލިއާގެ ކޮންމެ ރައްޔިތަކު އަހަރެއްގެ މައްޗަށް 10،000 ކިލޯވޯޓުގެ ހަކަތަ އެބަ ބޭނުންކުރޭ. އެއާއި ހިލާފަށް ބަންގްލަދޭޝް ކޮންމެ މީހަކު ބޭނުންކުރަނީ 300 ކިލޯވޮޓު. އަދި އިތިއޯޕިއާގައި މީހަކަށް 69." މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުން ކުރިއަށް އޮތް އަހަރުތަކުގައި ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރާނެ ކަމަށާއި ނަމަވެސް އޭގެ މާނައަކީ ފޮސިލް ފިއުލް އެންދުން ނޫން ކަމަށެވެ.
މަޖިލިސް ރައީސް ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުން ތަރައްގީގެ ލަނޑުދަނޑިތައް ކަނޑައަޅާއިރު އެއިން ގައުމުތަކަށް ފައިދާކުރާނެ ގޮތަކަށް ވިސްނައި 2050 ވަނަ އަހަރާ ހަމައަށް އެ ގައުމަކީ ޒީރޯ ކާބަން އެމިޝަން ގައުމަކަށް ހެދޭނެ ގޮތްތައް ވެސް ވިސްނުމަށް އެދިވަޑައިގެންފައެވެ. އަދި އެ ޕްލޭންތައް ހެދުމަށް ކޮންމެ ގައުމެއްގެ މަޖިލީހުން ވެސް ސަރުކާރުގެ އިދާރާތަކަށް ބާރުއަޅައި އެކަމަށް މަގުފަހިކޮށްދިނުމަކީ ކުރެވިދޭނެ ކަމެއް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ
"މި ޕްލޭންތައް ވާންޖެހޭނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށްގެން، އެ ގައުމުތަކަކީ ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ހެދުމަށް މަގުފަހިވާނެ ޕްލޭންތަކަކަށް" މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަން ޖެހެނީ އިހްލާސްތެރި މަސައްކަތެއް ކަަމަށެވެ. އެކަން ކުރެވޭނީ ގައުމުތަކުން އެކަތިގަނޑަކަށްވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް