ކޮވިޑަށް ޓެސްޓުކުރުމަށް އަންނަ ހަފުތާގައި އިތުރު 10،000 ޓެސްޓު ކިޓު ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މިވަގުތު ސްޓޮކްގައި ހުރީ 15،000 ޕީޕީއީ ޓެސްޓިން ކިޓް ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އިތުރު ކިޓްތައް ރާއްޖެ ގެންނާނެ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ ތެރޭފައި އިތުރު 10،000 ކިޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހުރި ކިޓްތަކުން ގާތްގަނޑަކަށް ދެ ހަފުތާ ވަރު ބޭނުންކުރެވޭނެ. އަދި ކުރިއަށްއޮތް ހަފުތާގައި އަޅުގަނޑުމެންނަށް އިތުރު 10،000 ކިޓްސް އެބަ ލިބޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ ކޮންޓިނުއަސްކޮށް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮންމެ ޓެސްޓިން ކިޓަކުން 200 ސާމްޕަލް ނެގޭނެ ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލުތަކުގައިވެސް ކޮންމެވެސް ވަރަކަށް ޓެސްޓިން ކިޓް އެބަހުރި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ޓެސްޓިން ކިޓަކީ ދުނިޔޭގެ މާކެޓުގައިވެސް ވަރަށް ލިމިޓެޑް އެއްޗެއް ކަމަށާއި އެހެންކަމުން އެއްފަހަރާ ގަނޑުކޮށް ގަންނަން ބޭނުންވިޔަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ސްޓޭންޑަކީ މިހާރު ހުރި ޓެސްޓު ނެތިގެން ޓެސްޓު ނުކުރެވޭ ހާލަތަކަށް ގައުމު ނުދިއުން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ދުނިޔޭގެ ހުރިހާ ގައުމެއްގައި މި ބަލި ވަރަށް ހަލުވިކަމާއެކު ފެތުރެމުން މިދަނީ. ދުވަހުން ދުވަހަށް ފެންނަ ކޭސަސްގެ އަދަދު ވެސް މިދަނީ އިތުރުވަމުން. އެހެންވީމާ މި ކިޓްތަކަކީ އަޅުގަނޑުމެން ކިތަންމެ ގަންނަން ބޭނުންވިޔަސް، ކޮވިޑާ ގުޅިގެން އަޅުގަނޑުމެން މި ބޭނުންކުރާ ހުރިހާ އެއްޗެއްސަކީ ވެސް ދުނިޔޭގެ މާކެޓުގައި ވަރަށް ލިމިޓެޑް އެއްޗެހި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޖީން އެކްސްޕާޓް މެޝިނަށް ލައްވާ ކާޓްރިޖަކީ ވެސް ދުނިޔޭގައި ވަރަށް ލިމިޓެޑް އެއްޗެއް ކަމަށާއި އެހެންކަމުން މިވަގުތު ހުރި ކާޓްރިޖުތައްވެސް ބޭނުންކުރަނީ ވަރަށް ބޮޑަށް ލިމިޓެޑްކޮށްގެން ކަމަށެވެ.

ރާއްޖޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 1،000 އާއި 1،200 މީހުން ކޮވިޑަށް ޓެސްޓު ކުރެވެއެވެ. އަދި ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ މިހާރު އުޅެނީ 1،000 އަށްވުރެ މަތީގައެވެ.