ރާއްޖޭގައި 15،000 ޕީސީއާރު ޓެސްޓު ކިޓް އެބަހުރި ކަމަށާއި އިތުރު ކިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޖީން އެކްސްޕާޓް ކާޓްރިޖަކީ ވެސް ދުނިޔޭގައި ވަރަށް ލިމިޓެޑް އެއްޗެއްސަށް ވުމުން، އެ އެއްޗެހި ބޭނުންކުރަނީ ވެސް ވަރަށް ބަލައިގެން ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންގެ އަތުގައި 15،000 ޕީޕީއީ ޓެސްޓިން ކިޓް އެބަހުރި. އޭގެ އިތުރަށް އަޅުގަނޑުމެން އިތުރު ކިޓްސް ރާއްޖެ ގައނުމުގެ މަސައްކަތްތައް ކުރަމުން މިގެންދަނީ. ކުރީގެ ޕްރެސްއެއްގައި އަޅުގަނޑު ދަންނަވާލާފައިވާނެ ޖީން އެކްސްޕާޓް ކާޓްރިޖަކީ ވެސް ދުނިޔޭގައި ވަރަށް ލިމިޓެޑް އެއްޗެއް ވީމަ، މިވަގުތު ހުރި ކާޓްރިޖުތައް ވެސް ވަރަށް ބަލައިގެން ކަމަށް މި ބޭނުންކުރަމުންދަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހުރި ކިޓްތަކުން ގާތްގަނޑަކަށް ދެ ހަފުތާ ވަރު ބޭނުންކުރެވޭނެ ކަމަށާއި ކުރިއަށްއޮތް ހަފުތާ ތެރޭގައި އިތުރު 10،000 ކިޓް ލިބޭނެ ކަމަށެވެ. އެހެންކަމުން ޓެސްޓުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދުނިޔޭގެ ހުރިހާ ގައުމެއްގައި މި ބަލި ވަރަށް ހަލުވިކަމާއެކު ފެތުރެމުން މިދަނީ. ދުވަހުން ދުވަހަށް ފެންނަ ކޭސަސްގެ އަދަދު ވެސް މިދަނީ އިތުރުވަމުން. އެހެންވީމާ މި ކިޓްތަކަކީ އަޅުގަނޑުމެން ކިތަންމެ ގަންނަން ބޭނުންވިޔަސް، ކޮވިޑާ ގުޅިގެން އަޅުގަނޑުމެން މި ބޭނުންކުރާ ހުރިހާ އެއްޗެއްސަކީ ވެސް ދުނިޔޭގެ މާކެޓުގައި ވަރަށް ލިމިޓެޑް އެއްޗެހި. އެހެންވީމާ އެއްފަހަރާ އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ގަންނަން ބޭނުންވި ކަމުގައިވިޔަސް އެވެއިލަބަލްއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ހުސްނުވާ ވަރަށް ސަޕްލައި ގެނެސްގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި ސްޓޮކުގައި ހުރި ކިޓްތަކުގެ އިތުރުން ކޮންމެވެސް ވަރަށް ހޮސްޕިޓަލުގައި ވެސް ކިޓުތައް ހުންނާނެ ކަމަށެވެ.