ގދ.ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހު 08:55 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މި ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާދިސާގައި ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ އޭނާގެ ސައިކަލު އޭނާގެ ގެކައިރި ޕާކިންގް ޒޯނުގައި ޕާކުކޮށްފައި ވަނިކޮށް، އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ސައިކަލުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.