ކްލަބު ގްރީން ސްޓްރީޓްސް ދޫކޮށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ގުޅިއްޖެއެވެ.
ކުރިން ވެސް މާޒިޔާއާއެކު ކާމިޔާބީތަކެއް ހޯދާފައިވާ އުމައިރު އަލުން އެކްލަބާ ގުޅިފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މީގެ ކުރިން އުމައިރު ވަނީ ތިން އަހަރު މާޒިޔާގައި ހޭދަކޮށް، އެކްލަބާއެކު ދިވެހި ޕްރިމިއާ ލީގާއި މާލެ ލީގު އަދި ގައުމީ މުބާރާތުގެ ތަށި ވެސް ހޯދައިފައެވެ. މާޒިޔާއަށް 2015 އިން ފެށިގެން 2017 އަށް ކުޅުމަށްފަހު އުމައިރު ދެން ގުޅިފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެވެ.
އުމައިރު ވަނީ 2018ގެ ސީޒަނުގައި ނިއުގައި މުހިންމު ދައުރެއް އަދާކޮށް، އެ ކްލަބަށް އެ ސީޒަނުގެ މާލޭ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އެ ސީޒަނަށްފަހު ފާއިތުވެދިޔަ ދެ ސީޒަނުގައި އުމައިރު ފެނިގެންދިޔައީ ކްލަބު ގްރީން ސްޓްރީޓްސް އިންނެވެ.
އުމައިރުގެ ފުޓުބޯޅަ ކެރިޔަރު ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބުން 2006 ވަނަ އަހަރުއެވެ. އެ ކްލަބުގައި ވިދާލުމަށްފަހު 2010 ވަނަ އަހަރު އުމައިރު ވަނީ ވީބީ ސްޕޯޓްސް ކްލަބާ ގުޅި، އެ ކްލަބުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ.
އުމައިރަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން އުމައިރު އަންނަނީ ގައުމީ ޓީމުން ފުރުސަތު ހޯދަމުންނެވެ.
މުހައްމަދު އުމައިރު
މުހައްމަދު އުމައިރު
މުހައްމަދު އުމައިރު
މުހައްމަދު އުމައިރު