ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އަށް އިންތިހާބުވެފައިވާތީ، ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، މުހައްމަދު އުމައިރު ނިންމައިފިއެވެ.

އެފްއޭއެމްގެ އިންތިހާބު އިއްޔެ ބާއްވާފައިވާ އިރު، ރައީސަކަށް ހޮވާފައި ވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. އިންތިހާބުގައި އިތުރު ފަރާތަކުން ވާދަކޮށްފައި ނުވާ އިރު، ތޯރިގުގެ އެކްސްކޯއަށް އުމައިރު އިންތިހާބުވީ މެމްބަރެއްގެ ގޮތުގައެވެ.

"މިއަދު އަހަރެން އިއުލާނު މިކުރަނީ ފުޓްބޯޅަ ކުޅުމުން ފަހަތަށް ޖެހިލާށެވެ. އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައު މަސްއޫލިއްޔަތެއް އުފުލަން ފަށާތީއެވެ. ޒުވާނުންގެ ސަފުތަކުން ފެށިގެން ގައުމު ތަމްސީލުކުރުމާ ހަމައަށް، މިއީ ހައިރާން ކުރުވަނިވި ދަތުރެކެވެ. އަހަރެންގެ ކެރިއަރު އެކުލަވާލުމުގައި އެހީތެރިވެދެއްވި ހުރިހާ ކޯޗުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ - ތިޔަ ކޮންމެ ބޭފުޅަކަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ." އުމައިރު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުންޏެވެ.

ލ. ކުނަހަންދުއަށް އުފަން އުމުރުން 37 އަހަރުގެ އުމައިރު ބުނީ ހުރިހާ ކަމެއް ފެށުނީ ލިރުގާމް ސައީދު (ލަރޭ) ދިން ފުރުސަތަކުން ކަމަށާއި އޭގެފަހުން އިހުސާން އަބްދުލްގަނީ (ސާންތީ) އާއި މުހައްމަދު ޝިޔާޒު (މޮހާން) އާއެކު 16 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމަށް ފުރުސަތު ލިބުނު ކަމަށްވެސް އުމައިރު ބުންޏެވެ.

އުމައިރު ސީނިއާ ލެވެލްސްގައި އެންމެ ފުރަތަމަ ކުޅުނީ ވިކްޓަރީއަށެވެ. އެއީ އުމުރުން 17 އަހަރުގައެވެ. އޭރު ވިކްޓަރީއަށް ކުޅުނީ މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒައިނެވެ. އެ ދެ ކޯޗުންވެސް އޭނާއަށް ފުރިހަމައަށް އިތުބާރުކުރި ކަމަށް އުމައިރުގެ ވަދާއީ މެސެޖުގައިވެއެވެ.

މިއީ ނިމުމެއް ނޫނެވެ .މިއީ ހަމައެކަނި މިރީތި ކުޅިވަރަށް ހުދުމަތްކުރުމުގެ އާ ފެށުމެކެވެ.
އުމައިރު

ވިކްޓަރީއަށް ފަހު އުމައިރު ވަނީ ވީބީ ސްޕޯޓްސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބު ގްރީން ސްޓްރީޓްސް، އަދި ވެލެންސިއާއަށްވެސް ކުޅެފައެވެ. އުމައިރު ވަނީ ކެރިއަރުގައި ކުޅުނު ހުރިހާ ކްލަބުތަކެއްގެ މެނޭޖުމަންޓަށް ޝުކުރު އަދާކޮށްފައެވެ.

އުމައިރު އެންމެފަހުންވެސް ވިކްޓަރީއަށް ދެވަނަ ޑިވިޝަނުގައި ކުޅެފައިވާ އިރު، މިހާރު އޭނާއަކީ ކޯޗިންގެ މަސައްކަތުގައިވެސް ފެނިގެންދާ ކުޅުންތެރިއެކެވެ. އެގޮތުން އުމައިރަކީ މޯލްޑިވްސް ސޮކާ މޭޓްސްގެ ކޯޗެކެވެ.

އުމައިރު ކުޅުމުން ދުރަށް ޖެހިލިކަން އިއުލާނުކުރަމުން އިތުރަށް ބުނީ ފުޓުބޯޅައަކީ އަބަދުވެސް ހަމައެކަނި ކުޅިވަރަކަށްވުރެ މާ ބޮޑު އެއްޗެއް ކަމަށެވެ.

"ފުޓުބޯޅައަކީ އަބަދުވެސް ހަމައެކަނި ކުޅިވަރަކަށްވުރެ މާ ބޮޑު އެއްޗެކެވެ. އެއީ އަހަރެމެންގެ ގައުމުގެ އެންމެ މަހުބޫލު ކުޅިވަރެވެ. އަހަރެމެން އައިތަނަކަށް ނުބަލާ، އަހަރެމެން އެންމެން އެއްބައިކޮށްލާ ކުޅިވަރެކެވެ.،" އުމައިރު ބުންޏެވެ.

ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދިއިރު މުހިއްމު ރޯލެއް އަދާކުރި އުމައިރު ބުނީ އޭރުގެ އެކުވެރިކަން ގެނައުމަށް އެފްއޭއެމްގައި ހުރެ އިހުލާސްތެރި މަސައްކަތެއް ކުރާނެ ކަމަށެވެ. އޭގެ އިތުރުން އޭނާގެ މެސެޖުގައި މަންމައާއި ބައްޕަ، އާއިލާގެ އިތުރުން ރަހުމަތްތެރިންނަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއވެެ.