ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ކުޅުން މިއަދު ފަށާނެއެވެ.
ގަމު ފުޓުބޯޅަ މުބާރާތަކީ ފުޓުބޯޅައިގެ ފޯރި މީގެ ކުރިންވެސް ގަދަކޮށް ފެންނަ ލ. އަތޮޅުގައި، ފުޓުބޯޅަ މުބާރާތެއް ނުބާއްވާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ބާއްވާ މުބާރާތެކެވެ. އަދި އެ މުބާރާތް ވެގެންދަނީ މިދިޔަ އަހަރު ހުޅުވި ގަމު ޒޯން ސްޓޭޑިއަމްގައިވެސް ބާއްވާ ފުރަތަމަ މުބާރާތަށެވެ. މުބާރާތް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ ފޯމެޓަކަށެވެ.
މުބާރާތުގައި ޖުމުލަ ދިހަ ޓީމު ވާދަކުރާނެއެވެ. ގްރޫޕް އޭގައި ހިމެނެނީ އައިލެންޑް ޔޫތު ޔުނައިޓެޑް، ހައްދުންމަތީ ފޮނަދޫ ކައުންސިލް އިދާރާގެ އިތުރުން ތިއްތި ސްޕޯޓްސް ކްލަބާއި ކުނަހަންދޫ ކައުންސިލް އަދި ހައްދުންމަތީ ދަނބިދޫ ކައުންސިލް އިދާރާއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ލ. މާބައިދޫ ކައުންސިލް، އަމީގޯސް ސްޕޯޓްސް ކްލަބު، ތުނޑި ގޯޅި ސްޕޯޓްސް ކްލަބު، މާހިންނަ ސްޕޯޓްސް ކްލަބު އަދި ޕޮލިސް ކްލަބެވެ.
ގަމު ކައުންސިލް ފުޓުބޯޅަ މުބާރާތަކީ ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް އެކަނި ކުޅެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. ލ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ޖަމިއްޔާތަކުންވެސް މުބާރާތުގައި ވާދަކުރާ އިރު، އެ ރަށްރަށުގެ ޓީމުތަކުގައި ހިމަނަން ޖެހެނީ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޓީމު ލިސްޓުގައި ރަށުން ބޭރުން ޖެހެނީ ގިނަވެގެން އެންމެ ކުޅުންތެރިއެކެވެ. އެ ކުޅުންތެރިޔާއަކީވެސް ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވާން ޖެހެއެވެ. މުބާރާތުގައި ލ. އަތޮޅުން ފާހަގަކޮށްލެވޭ ގައުމީ ފެންވަރުގެ ކުޅުންތެރިންވެސް ފެނިގެންދާނެއެވެ.
ލ. އަތޮޅަކީ ފުޓުބޯޅައިގެ ހުނަރުވެރި ކުޅުންތެރިން ތިބި އަތޮޅެކެވެ. މިހާރުވެސް ގައުމީ ޓީމުގައިވެސް ލ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭއިރު، އެ ކުޅުންތެރިންވެސް ވަނީ ޓީމުތަކުގައި ހިމަނައިފައެވެ. ކުނަހަންދޫގެ ޓީމުން ހުސައިން ޝިފާއު (ކްރޯ)ގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރުވެސް ފެނިގެންދާނެއެވެ. އުމަރިއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.
ލ. މާބައިދޫ ޓީމުން މާޒިޔާ އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ފެނިގެންދާނެއެވެ. ނިހާޓަކީ ރާއްޖޭގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި، ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭގެ އިތުރުން ލ. ގަމުގެ އައިލެންޑް ޔޫތު ޔުނައިޓެޑުން ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަލީ ސާމިސް (ތޮއްޕެ) ވެސް ފެނިގެންދާނެއެވެ.
އެ ކުޅުންތެރިންގެ އިތުރުންވެސް ފުރަތަމަ ޑިވިޝަންގައި ކުޅޭ މުހައްމަދު ނިޒާމް (ޕީކޭ) އާއި އަބްދުﷲ ޖުނައިދު (ޖޭނޭ)ގެ އިތުރުން ކުރިން ފުރަތަމަ ޑިވިޝަނުން ފާހަގަވި ބައެއް ކުޅުންތެރިންވެސް މުބާރާތުން ފެންނާނެއެވެ. އޭގެ ތެރޭގައި ކުރިން ގައުމީ ޓީމަށް ކުޅުނު ޒާދުވެސް ހިމެނެއެވެ. މުބާރާތުން ރާއްޖޭގެ ދެވަނަ އަދި ތިންވަނަ ޑިވިޝަނުން ވިދާލި ކުޅުންތެރިންވެސް ފެންނާނެއެވެ.
މަޝްހޫރު ގޯލްކީޕަރު ޒައިދާން އަބްދުﷲއާއި ފުޓްސަލް ތަރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ)، ހުސައިން ޝަރީފް (އޮންލީ)، އަހުމަދު ހަލީމް (އަންމަޑޭ)، އަހުމަދު އަޖުވަދު އަދި ހުސައިން ނާސިދު (ނާއްޓޯ) ވެސް މުބާރާތުން ފެންނާނެއެވެ. އެ ކުޅުންތެރިންނަކީ ތިންވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައިވެސް ފާހަގަވެފައިވާ ކުޅުންތެރިންނެވެ.
މުބާރާތުގެ ބެންޗުތަކަށް ބަލައިލާ އިރު، ކުނަހުންދޫގެ ކޯޗަކީ ލިރުގާމް ސައީދު (ލަރޭ) އެވެ. އޭގެ އިތުރުން މުބާރާތުގައި އޭދަފުށިން ފާހަގަކޮށްލެވުނު ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ވެސް ފެންނާނެއެވެ.
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް
ގަމު ފުޓުބޯޅަ މުބާރާތް