ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު، ކުރިއަށް އޮތް ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވެފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި އިތުރު ތައާރަފަކަށް ބޭނުންނުވާ އެ ދެކުޅުންތެރިންނާއެކު ދެން މިރޭ ވިކްޓަރީން އިއުލާން ކުރީ އެ ކްލަބާ ހަވާލުވާނެ ކޯޗެވެ. އެއީ ކުރިން ކްލަބަށް ކުޅެ، ފަހަކަށް އައިސް ރާއްޖޭގައި އެންމެ ކާމިޔާބު ކޯޗިން މަސައްކަތްތަކެއް ކުރަމުން އަންނަ ސޮބާހް މުހައްމަދު (ސޮބާ) އެވެ.
މިވަގުތު ކަކުލުގެ ސާޖަރީއަކުން ރިކަވާވަމުން އަންނަ އުމުރުން 35 އަހަރުގެ އަކޫއަކީ 2006 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި، ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޑިފެންޑަރެވެ. ވެލެންސިއާއިން ކެރިއަރު ފަށައި، އޭގެ ފަހުން 2007 އިން 2009 އަށް އަކުރަމް ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް، ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އޭގެ ފަހުން އޭނާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެފައެވެ. މީގެ ކުރިން އަކޫ އެންމެ ފުރަތަމަ ވިކްޓަރީއަށް ދިޔައީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އަނެއްކާވެސް ވެލެންސިއާއަށާއި ނިއުއަށްވެސް އަކޫ ކުޅެފައިވާ އިރު، އަކޫ ވަނީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އެންމެފަހުން އަކޫ ހުރީ މާޒިޔާގައެވެ.
ގައުމީ ޓީމަށް އަކޫ ވަނީ 70 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެފައެވެ. އޭނާއަކީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ. އަކޫ އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ޓީމުގެ ކެޕްޓަންވެސް މެއެވެ.
އުމުރުން 34 އަހަރުގެ އުމައިރު 2006 ވަނަ އަހަރު ސީނިއާ ކްލަބު ކެރިއަރު ފެށީ ވިކްޓަރީންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ވީބީއަށް ބަދަލުވެ، އެ ކްލަބަށް ކުޅުމަށްފަހު މާޒިޔާއަށްވެސް ކުޅެ، އުމައިރު ވަނީ 2012 ވަނަ އަހަރުވެސް ވިކްޓަރީއަށް ކުޅެފައެވެ. އަދި އޭގެ ފަހުން ނިއު ރޭޑިއަންޓާއި މާޒިޔާއަށްވެސް އުމައިރު ކުޅުނު އިރު، އޭނާ ވަނީ ލޯނެއްގައި ވެލެންސިއާށްވެސް ކުޅެފައެވެ. އަދި އޭގެ އިތުރުން ކްލަބު ގްރީން ސްޓްރީޓްސް ޖާޒީގައިވެސް އުމައިރު ވަނީ ފެނިގެން ގޮސްފައެވެ.
ވިކްޓަރީއާ މިރޭ ހަވާލުވި ކޯޗު ސޮބާއަކީ ކުރިން ރާއްޖޭގެ ގައުމީ ޓީމާއި އެކިއެކި ކްލަބުތަކުން ފެނުނު މޮޅު ޑިފެންޑަރެކެވެ. ކުޅުންތެރިއެއްގެ ކެރިއަރު ނިންމައި ސޮބާ މިހާރު ކޯޗިންނަށް ނުކުމެ، ޒުވާން ޓީމުތަކާއެކުވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އިރު، އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ކްލަބު ގްރީން ސްޓްރީޓްސް އާއި ވެލެންސިއާގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ.
އޭގެ ފަހުން މިދިޔަ އަހަރު ސޮބާ ވަނީ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދީފައެވެ.
ވިކްޓަރީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވެގެން ދިޔައީ މުސާރަ އާއި ދަރަނީ މައްސަލަތަކުގައި އެޅި ފިޔަވަޅުތަކާއެކު ކްލަބު ސަސްޕެންޑް ވުމުންނެވެ. ވިކްޓަރީގެ އެ ސަސްޕެންޝަން މިދިޔަ އަހަރު ތެރޭގައި އުވާލުމާއެކު އެޓީމުން ދެވަނަ ޑިވިޝަނުގައި ވާދަކޮށްފައިވާ އިރު، ވިކްޓަރީގެ އާ ބޯޑުން ވަނީ ދަރަނިތައް ދައްކައިފައެވެ.
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު
ވިކްޓަރީ ސްޕޯޓްސް ކަލްބު