ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ އާރްބީ ލެއިޕްޒިގް ބަލިކޮށް، ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ޕޯޗުގަލްގެ އެސްޓޭޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު ސެމީގެ މެޗުގައި ލެއިޕްޒިގްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަންހެލް ޑި މާރިއާ ނަގައިދިން ހިލޭ ޖެހުމަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު މާކުއިނިއޯސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލެއިޕްޒިގްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ޕީއެސްޖީން ލީޑު ހޯދުމާއެކު ލެއިޕްޒިގުން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ލެއިޕްޒިގްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ކޮންރަޑް ލައިމާ ދިން ބޯޅައަކުން ލެއިޕްޒިގްގެ ޔޫސުފް ޕޮލްސަން ފޮނުވާލި އެ ހަމަލާ ޕީއެސްޖީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ނޭމާ ދިން ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ވިންގާ ޑި މަރިއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޑި މަރީއާ ނަގައިދިން ހުރަހަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ޑިފެންޑަރު ހުއާން ބާނަޓްއެވެ.
ތިން ލަނޑުގެ ލީޑާއެކު ވެސް ޕީއެސްޖީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފައެވެ. އެގޮތުން ޕީއެސްޖީގެ ކީލިއާން އެމްބާޕޭ އާއި ލިއާންޑްރޯ ޕަރެޑޭސްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ލެއިޕްޒިގްގެ ކީޕަރު ޕީޓާ ގުލާޗީ ވަނީ މަތަކޮށްފައެވެ.
މިމަހުގެ 23 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ނުކުންނަން ޖެހޭނީ މިރޭ 12:00ގައި ފްރާންސްގެ ލިޔޯން އާއި ޖަރުމަންގެ ބަޔާން މިއުނިކް ބައްދަލުކުރާ ސެމީގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު