ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެންމެ ބޮޑަށް އިހުމާލުވެފައިވަނީ އެ މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމާއި ބިޑް ކޮމިޓީ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި، ފައިސާގެ ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައި ހިމެނިފައިވާތީ، އެކަން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތާއި އެ އޮފީހުގެ އިސްފަރާތްތައް ހާޒިރުކޮށްފައެވެ.

އެކޮމިޓީގައި ޒިޔަތު ވިދާޅުވީ އެގްޒެކިއުޓާސްގެ މުއާމަލާތް ފެށި ކުންފުނި ހޮވީ މިނިސްޓަރު އަމީން އާއި ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މަޝްވަރާ ކުރައްވައިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވަށް ހެލްތު މިނިސްޓްރީން ފޮނުވާފައިވާ ލިޔުމެއްގައި އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ޑޮކިއުމެންޓް ބަލާއިރު ހީވޭ ޑަބްލިއުއެޗްއޯ ވަރަށް ބޮޑަށް އިންވޯލްވެފައި އޮތޭ. މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވެސް އެބައޮތް ރާއްޖޭގެ ޑަބްލިއުއެޗްއޯ އާއި ދުބާއީގެ ޑަބްލިއުއެޗްއޯ މެދުވެރިވެގެންނޭ. އެކަމަކު ޑަބްލިއުއެޗްއޯގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތޭ. އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ އިތުރަށް ތަހުގީގު ކުރަން އެބަޖެހެއޭ މިނިސްޓަރުގެ އިންވޯލްމަންޓަކީ ކޮބައިތޯ ބަލަން،" ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށާއި އެކަމުގައި އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ އެ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އާއި އަދި ހެލްތުގެ ބިޑް ކޮމިޓީ ކަމަށެވެ.

ޒިޔަތު ވިދާޅުވީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން ދިން ހުއްދައާ ހިލާފަށް އެ ކޮމިޓީއަށް ދިއުމުގެ މާ ކުރިން ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސް ހޮވާފައިވާ ކަމަށެވެ.

"އޭރުވެސް މިއޮތީ ބަޔަކު ސެލެކްޓް ކުރެވިފައޭ. ބިޑު ކޮމިޓީގެ ޒިންމާ އޮންނަނީ، މާލީ ގާބިލިއްޔަތު، ފަންނީ ގާބިލުކަން ބަލަން. އެކަންވެސް ކުރަން މިގުޅަނީ އަނެއްކާވެސް ޑަބްލިޔުއެޗްއޯއަށް. ޑަބްލިޔުއެޗްއޯއިން އަޅުގަނޑުމެންނަށް ފޯރުކޮށްދިން މައުލޫމާތާއި ލިބިފައިވާ ލިޔެކިޔުންތަކާ ހެލްތު މިނިސްޓްރީގެ ލިޔެކިޔުންތަކާ ދިމާ އިދިކޮޅު،" ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި މާލީ އަދި ފަންނީ ގާބިލުކަން ނުބަލައި، މީގެ ކުރިން ސަރުކާރާ އެކު އެއްވެސް ވިޔަފާރިއެއް ހިންގާފައި ނުވާ ކުންފުންޏަކަށް ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އަދި މާލީ ޒިންމާދާރުވެރިޔާގެ ވެސް އިހުމާލު ބޮޑު ކަމަށާއި އޭނާ ބަލަން ޖެހޭ ބެލުންތައް ނުބަލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބިޑް ކޮމިޓީގެ ޒިންމާތަކާއި މާލީ ޒިންމާދާރުވެރިޔާގެ ޒިންމާތައް ލިއެވިފައި އެބަހުރި. އެހެންވެ އަޅުގަނޑުމެން މި އެންގީ އިތުރަށް ތަހުގީގުކޮށް މިކަންކަން ބަލަން. ކޮން ބޭފުޅެއްގެ ރިކުއެސްޓަކަށްތޯ މިހާ އަވަހަށް މިކަން މިކުރީ.... އެހެންވީމާ ބިޑު ކޮމިޓީގެ އިހުމާލު ވަރަށްބޮޑު. މާލީ ޒިންމާދާރުވެރިޔާގެ އިހުމާލުވެސް އެބައޮތް. ބަލަން ޖެހޭ ވަރަށް ބަލާފައި ނެތް،" ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ތަހުގީގުކޮށް ބަލަން ޖެހިފައި އޮތީ މިނިސްޓަރުގެ އިހުމާލު އޮތް މިންވަރު ކަމަށާއި އެއީ އޮޑިޓް އޮފީހުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ މަސްއޫލިއްޔަތު އަދާނުކުރާކަން ވަރަށް ސާފު ކަމަށެވެ.

ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރުމުގައި މަކަރާއި ހީލަތް ހިމެނޭކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެގޮތުން ދުބާއީ ކުންފުންޏާ ހަވާލުކުރީ ވެންޓިލޭޓަރެއް 32،500 ޑޮލަރުގެ ރޭޓުން ގެންނާށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ. އަދި އެކަމަށްވާ ފައިސާގެ 90 ޕަސެންޓް ވަނީ ސަރުކާރުން ދައްކައިފައެވެ. އެއީ 30.9 މިލިއަން ރުފިޔާއެވެ.

އެއް މަސް ދުވަހުގެ ތެރޭގައި ދުބާއީ ކުންފުންޏާ ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 11 ވެންޓިލޭޓަރެވެ. އެއީ ވެސް ގެންނަން ހަވާލުކުރި ފެންވަރަށްވުރެ ދަށް ފެންވަރު ތަކެތިކަން އޮޑިޓް ރިޕޯޓުގައިވެއެވެ.