ވެކްސިން ފޯރުކޮށްދިނުމުގައި ހުރިހާ ގައުމުތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ކޮވިޑް 19ގެ ވެކްސިން އުފައްދާފައިވާ ނުވަތަ އުފައްދަމުންގެންދާ ގައުމުތަކުން ވަކި ބަޔަކަށް ހާއްސަކޮށްގެން ވެކްސިން ފޯރުކޮށްދިނުމުގެ ބަދަލުގައި ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ހުރިހާ ގައުމުތަކުން ވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން އެއްގައުމުން އަނެއްގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް ހަދާފައިވާ ކޯލިޝަން "ކޮވެކްސް ގްލޯބަލް ވެކްސިން ފެސިލިޓީ" ގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހު ހަމަވާނެއެވެ. ޓެޑްރޮސް ވަނީ ޑަބްލިއުއެޗްއޯގެ މެންބަރު 194 ގައުމަށް މި ކޯލިޝަންގައި ބައިވެރިވުމަށް ދައުވަތުދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ވާޗުއަލް ބްރީފިންއެއްގައި ވާހަކަދައްކަވަމުން ޓެޑްރޮސް ވިދާޅުވީ ގައުމުތަކުން ވަކިވަކިން ވެކްސިން ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ހާއްސަ ގަވައިދެއްގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި ވެކްސިން ފޯރުކޮށްދިނުމަކީ ކޮންމެ ގައުމަކުންވެސް އިސްނަގައިގެން ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.